އީޔޫއިން ވަކިވުމުގެ ގާނޫނީ މަސައްކަތް ޔޫކޭއިން ފަށައިފި
އީޔޫއިން ވަކިވުމުގެ ގާނޫނީ މަސައްކަތް ޔޫކޭއިން ފަށައިފި

އިނގިރޭސި ވިލާތް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އީޔޫއިން ވަކިވުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ގާނޫނުތަކާއި އީޔޫގެ ގާނޫނުތައް ވަކިކޮށް، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އިއުލާނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ސަރުކާރުން ބުނެފައި ވަނީ އޮމާންކަމާ އެކު ހުރިހާ ކަމެއް ބަދަލުކުރެވޭނެ ކަމަށެވެ.

އިނގިރޭސި ގާނޫނުތަކުން، އީޔޫގެ ގާނޫނުތައް ވަކިކުރާއިރު، އީޔޫގެ ގާނޫނުތަކުގެ ބައިތައް އިނގިރޭސި ވިލާތުގެ ގާނޫނުތަކުގައި ހިމެނުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

އީޔޫއިން ވަކިވުމުގެ މައްސަލަ ބޮޑު ބަހުސަކަށް ވެފައި ވާއިރު އެކަމަށް އިޝާރާތް ކުރައްވަމުން ބޮޑުވަޒީރު ތެރެސާ މޭ ވިދާޅުވީ މިއީ ތާރީޚީ ނިންމުމެއް ކަމަށާއި ކުރިއަށް އޮތީ އިނގިރޭސި ވިލާތުން ކަންކަމުގައި އަމިއްލަ ނިންމުންތައް ނިންމައި އަމިއްލަ ގާނޫނުތަކަށް އަމަލުކުރުން ކަމަށެވެ.

"ގްރޭޓް ރިޕީލް ބިލް"ގެ ނަމުގައި ބިލެއް އެކުލަވާލާފައި ވާއިރު މިއީ އީޔޫއިން ވަކިވުމުގެ މަރުހަލާގައި ކުރިމަތިވެދާނެ ގާނޫނީ މައްސަލަތަކުން ސަލާމަތްކޮށްދޭނެ ބިލެކެވެ. އެގޮތުން ގާނޫނީ އެއްވެސް ހުސްކަމެއް އަޔަ ނުދިނުމަށް މި ބިލް އެހީވާނެ އެވެ. ސަރުކާރުން ބުނީ މި ބިލުން ގާނޫނުތައް އިސްލާހުކުރުމާއި ބާތިލްކުރުން އަދި އިތުރަށް ކަންކަން ފުރިހަމަކުރުމަށް ބާރު ލިބޭނެ ކަމަށެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަކާ ނުލައި ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު ވަޒީރުންނަށް ދީފައި ވާތީ އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މިކަމުގެ ދިފާއުގައި ސަރުކާރުން ބުނީ، އެއީ ގާނޫނީ ހުސްކަމެއް އަޔަ ނުދިނުމަށް ކޮންމެހެން ބޭނުންވާ "މެކޭނިކަލް" ބަދަލުތައް ގެނައުމުގެ ބާރު އެކަނި ކަމަށެވެ.

މި ބަދަލުތައް ގެންނަނީ 2007 ވަނަ އަހަރު ގާއިމުކޮށްފައިވާ ލިޒްބަން ޓްރީޓީން ލިބިދޭ ބާރުގެ ދަށުންނެވެ. މި މުއާހަދާ އަކީ ޔޫރަޕުގެ އިއްތިހާދުގެ ގަައުމުތަކުގެ ގާނޫނު އަސާސީގެ އަސާސްތައް އެކަށައެޅުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއެކެވެ. މި މުއާހަދާގައި ބުނާ ގޮތުން، އީޔޫގެ ގައުމުތަކާއި އިނގިރޭސި ވިލާތުން އެއްބަސްވާ ކަންކަން، މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން އެއްބަސް ނުވާހާ ހިނދަކު، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ. އެހެންވެ މުއްދަތު އިތުރު ނުކޮށްފި ނަމަ އިނގިރޭސި ވިލާތް އީޔޫއިން ވަކިވާނީ 29 މާޗް 2019 ގަ އެވެ.