ސިނގިރޭޓް ކޮންޓެއިނާ ވައްކަން: ވަގު ސިނގިރޭޓް ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ
ސިނގިރޭޓް ކޮންޓެއިނާ ވައްކަން: ވަގު ސިނގިރޭޓް ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

ރާއްޖެ އަށް ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން މިދިޔަ އޭޕްރީލް މަހު ހިފަހައްޓާފައިވާ ދެ ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ނުވަ މީހަކު ހައްޔަރު ކޮށްފައިވާއިރު، ވަގަށް ނަގާފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ރިޕޯޓް ކުރަން ފުލުހުން މިރޭ އެދިއްޖެ އެވެ.

ފުލުހުންގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްޕީއެލް ހުޅުމާލޭގެ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ މައުލޫމާތު އަދި ރާއްޖެ އަށް ސިނގިރޭޓް އެތެރެ ކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް ބޭނުންވާ ކަމަށެވެ.

އެހެންވެ، އެ މައުލޫމާތުތައް އެނގޭ މީހުން ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައިގެން އެ ވާހަކަަތައް ހިއްސާކުރަން ފުލުހުންގެ ބަޔާނުގައި އެދިފައި ވެ އެވެ.

އެނގިފައިވާ ވަގަށް ނެގި ދެ ކޮންޓެއިނަރުގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓެވެ. އެއީ ވަގަށް ރާއްޖޭގައި ވިއްކުމަށް ދިވެހިން އިންޒާރުގެ ލޭބަލް ޖަހައިގެން ބަންދުކޮށްފައޮވާ ސިނގިރޭޓް ތަކެކެވެ.

ދެ ކޮންޓެއިނަރު ސިނގިރޭޓް ގެއްލުނުކަން މިދިޔަ މަހުގެ 8 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް އެނގުމާ އެކު، ތަހުގީގު ފަށައި މިހާތަނަށް ވަނީ ނުވަ މީހަކު ތަހުގީގުގެ ބޭނުމަށް ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. ބާކީ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މި މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ފަނޑިޔާރު އަމުރު ކުރެއްވީ އެ ތާރީހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދުކުރާށެވެ.

އެއީ ސިނިގިރޭޓް ވަގަށް ގެންދިއުމަށް އެމްޕީއެލް މުވައްޒަފުންގެ ތެރެއިން އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސ. ހިތަދޫ ޗާންދަނީގޭ، ހުސައިން ސާމިހު، 35 އަދި ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމް، 42 އެވެ.

އެމްޕީއެލްގެ އިތުރު މުވައްޒަފެއް ކަމަށްވާ ހ. ރުމޭނިއާ، އަހުމަދު ފިރުސާން، 35 ވެސް ވަނީ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ސިނގިރޭޓް ވައްކަމުގެ ތުހުމަތަށް ހައްޔަރުކުރި ނުވަތަ މީހުންގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވެސް ހިމެނެ އެވެ. އެ މީހުންނަށް ކުރަނީ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ގެންދިއުމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.

މި ބޮޑު ވައްކަން ފަޅާއެރުމާ ގުޅިގެން ފުލުހުން ފުރަތަމަ ބުނެފައި ވަނީ މި މައްސަލާގައި 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ.

އެކަމަކު މިރޭ ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން މިހާރު 19 މީހަކު ފުރުން މަނާކޮށް، މައްސަލައިގެ ތަހުގީގަށް ފަސް އުޅަނދެއް ބަލައިފާސްކޮށްފައި ވެ އެވެ. އަދި މާލެ، ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ބުންޏެވެ.

އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ތަހުގީގުގެ ބޭނުމަށް މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރެއިން ފެށިގެން ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި ގޮތް "މިހާރު" އިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާއިރު، ފުލުހުން މިރޭ އާންމުކުރި މައުލޫމާތުން ވެސް ގާތްގަނޑަކަށް ފެންނަނީ އެ މަންޒަރެވެ.

ފުލުހުން މިރޭ ބުނިގޮތުގައި ސިނގިރެޓް ހުރި ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލެ ޕޯޓުން ވަގަށް ގެންދިޔައީ އެ ދެ ކޮންޓެއިނަރުގެ ނަކަލެއް ހެދުމަށް ފަހު އެވެ. އެ ނަކަލު ހެދީ ތިލަފުށީގަ އެވެ.

އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޕޯޓަށް ގެންގޮސް ޕޯޓުގައި ބެހެއްޓީ އެވެ.

ފުލުހުން ބުނި ގޮތުގައި، ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލުކޮށް، އެ ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓަރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

"މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާ ކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓާ ފުލުހުން ވަނީ ހޯދާފަ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ސިނގިރެޓް އެތެރެކުރި ދެ ކޮންޓެއިނަރުގެ ފޮޓޯ "މިހާރު" ގެ ނޫސްވެރިނަށް ކުރިން ވަނީ ފެނިފަ އެވެ.

ނޫކުލައިގައި ހުރި އެ ދެ ކޮންޓެއިނަރާ އެއްގޮތަށް، އެ ކުލަ ލައި ހަމަ އޭގައި ހުރި ގޮތަށް ނަންބަރުތައް ޖަހައި ލޭބަލް ކުރުމުގެ މަސައްކަތާ އެކަކު ހަވާލުވެ އެ މަސައްކަތް ކުރީ ތިލަފުށީގެ ސައިޓެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެއީ މިހާރު ހައްޔަރު ކޮށްފައިވާ ވިޔަފާރިވެރިއަކު އެހެން މީހެއްގެ އަތުން ގަންނަން އުޅޭ ބިމެކެވެ. އެކަމަކު، އެ ބިން ގަތުމުގެ ގާނޫނީ މަރުހަލާތައް އޮތީ ނުނިމި އެވެ.

ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަން ސިނގިރެޓް ކޭސްތަކުގައި ބޭރުކޮށްލީ ޖަމްބޯ ބޭގްތަކަށް އަޅައިގެން ކަމަށް ވެ އެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

އެ ސިނގިރޭޓް ކޮންޓެއިނަރުތައް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.