04 ނޮވެމްބަރ 2025 - 20:02

ހުޅުމާލޭ ޕޮލިސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ ކަމާ ގުޅޭ މައްސަލަތައް ބަލަމުން އަންނާތީ އޭނާ ވަނީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، މި ވަގުތު ހަމައެކަނި ޕޮލިސް ކޮމިޝަނަރަށް ރިޕޯޓް ކުރާ ގޮތަށް ހަމަޖައްސާފައި ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
"މިހާރު" އިން މިއަދު ހެނދުނު ކުރި ސުވާލުތަކަކާ ގުޅިގެން ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަސްއޫލިއްޔަތުން ދާއޫދު މި މަހުގެ 1 އިން ފެށިގެން "ވީއްލައި" ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ރިޕޯޓް ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ތާރީހުން ފެށިގެން ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އައްޔަން ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ދާއޫދު ހަމައެކަނި ޕޮލިސް ކޮމިޝަނަރަށް ރިޕޯޓް ކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އެއްވެސް ޒިންމާއެއް ނެތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދާއޫދުގެ މައްސަލަތަކެއް އެބަ ބަލަ އެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ވެސް ދާއޫދު ހިމެނޭ ގޮތަށް ބައެއް ފުލުހުންގެ ބޮލުގައި އެޅިފައިވާތީ އާއި ފުލުހުންގެ ބައި ދިރާސާ ކުރަމުން ގެންދާތީ އެ މައްސަަތަކުގައި ވަކި ގޮތެއް ނިމެންދެން މަސްއޫލިއްޔަތުތަކުން ދާއޫދު ވީއްލީ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިދިޔަ މަހުގެ 14 ގައި އާންމުކުރި ރިޕޯޓުގައިވާ ގޮތުން ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ވެފައި ވެ އެވެ. ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ، ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، އެކަންކަން އޭސީސީގެ ސިއްރު ރިޕޯޓެއްގައި އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަން ވެސް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސްލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން އެނގެން އޮވެ އެވެ. އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވެފައި ވެ އެވެ.
އެކަމަކު، ދާއޫދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލުން ފަހުން ނެރުއްވި ބަޔާނެއްގައި ވަނީ ނާޒިމްގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.