އެމެރިކާއިން އިރާގު ހިފި ހަނގުރާމައިގެ މޭސްތިރި ޑިކް ޗޭނީ މަރުވެއްޖެ
އެމެރިކާއިން އިރާގު ހިފި ހަނގުރާމައިގެ މޭސްތިރި ޑިކް ޗޭނީ މަރުވެއްޖެ

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ، އުމުރުން 84 އަހަރުގައި މަރުވެއްޖެ އެވެ.

އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ ޑިކް ޗޭނީ މަރުވީ ނިއުމޯނިއާ ޖެހުމާއި ހިތާއި ނާރުތަކުގެ އެކި މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޑް ޑަބްލިޔު ބުޝްގެ ނައިބުކަން ކުރި ޑިކް ޗޭނީ އަކީ ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން ފެށި ހަނގުރާމަތަކުގެ މޭސްތިރިއެކެވެ. އަދި އޭނާ އަކީ ނުބައި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެމެރިކާއިން އިރާގަށް އަރައިގަނެ ވެރިކަން ބަދަލުކުރި ގެއްލުން ބޮޑު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރި އެއް ލީޑަރެވެ.

ރިޕަބްލިކަން ޕާޓީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއާ އެކު 2001 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ދެ ދައުރު ފުރުއްވި 46 ވަނަ ނައިބު ރައީސް ޑިކް ޗޭނީ އަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ މީހެކެވެ.

އުމުރުގެ ފަހު ދުވަސްތަކުގައި ވެސް ޑިކް ޗޭނީ އޭނާގެ ކޮންޒަވޭޓިވް ސްޓޭންޑް ދަމަހައްޓައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. ޓްރަމްޕަކީ ބޮޑު ފިނޑިއެއްގެ ގޮތުގައި އޭނާ ސިފަކޮށް ވާހަކަ ދެއްކުމާ އެކު ޕާޓީ ތެރޭގައި ވަރަށް ބޮޑަށް އޭނާ އެކަހެރިކޮށްފައިވެ އެވެ.

ވަރަށް ކުރިން ސުރެ ހިތުގެ މައްސަލަތައް ހުންނަ ޑިކް ޗޭނީ އެތައް ފަހަރަކު ހާޓް އެޓޭކް ޖެހިފައިވެ އެވެ. ސިއްހީ މި މައްސަލަގަނޑުގެ ތެރޭގައި އޭނާ 2012 ވަނަ އަހަރު ވަނީ ހިތުގެ ޓްރާންސްޕްލާންޓެއް ވެސް ހަދައިފަ އެވެ.

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް އަދި ޑިފެންސް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ވަޔޯމިންގެ ކުރީގެ ރެޕްރެޒެންޓޭޓިވް ޑިކް ޗޭނީ ނައިބު ރައީސްގެ ގޮތުގައި ކަނޑައެޅީ، އެ މަގާމަށް އެކަށީގެންވާ ބޭފުޅަކު ހޯދުމުގެ ޒިންމާ ޖޯޖް ޑަބްލިއު ބުޝް އޭނާއާ ހަވާލުކުރެއްވުމަށް ފަހުގަ އެވެ.