04 ނޮވެމްބަރ 2025 - 16:25

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލު (75 އަހަރު ފުރުން) ފާހަގަ ކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ފެސްޓިވަލްތަކެއް ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.
މި ފެސްޓިވަލްތައް ބާއްވާނީ "ޑައިމަންޑް ޖިބުލީ" ގެ ނަމުންނެވެ.
މި ސިލްސިލާ ފަށާނީ މާލެއިންނެވެ. ފުރަތަމަ ފެސްޓިވަލް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މާފަންނު ސްޓޭޑިއަމްގައި އޮންނަ ޓާފް ދަނޑުގައި ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެ އެސޯސިއޭޝަނުން ބުނީ މާލޭގެ އެކަޑަމީތަކުގެ ކުޑަކުދިންގެ ތެރެއިން 1500 އަށް ވުރެ ގިނަ ކުޅުންތެރިން އެ ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށެވެ.
"މި ދެ ދުވަހުގެ ހަރަކާތުގައ އެކަޑަމީތަކުގެ މެޗުތަކާއި ވާދަވެރިކަމާއި އެކުވެރިކަމާއި ކުޅިވަރުގެ ރޫހާއި މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުމަށް ފަރުމާ(ކޮށްފައިވާ) ހަރަކާތްތައް ހިމެނޭ އެވެ،" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެ އެސޯސިއޭޝަނުން ބުނީ އަލިމަސްޔޫބީލުގެ ހަރަކާތްތަކުގެ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެސްޓިވަލްތަކުގެ ހަރަކާތް ކުލަގަދަކޮށް ބާއްވާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.