އުމްރާއަށް ދާން އަމިއްލައަށް ހުރިހާ ހުއްދައެއް މިހާރު ފަސޭހައިން ހޯދޭނެ
އުމްރާއަށް ދާން އަމިއްލައަށް ހުރިހާ ހުއްދައެއް މިހާރު ފަސޭހައިން ހޯދޭނެ

އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް، އިތުރު އެޖެންޓުން ބޭނުން ނުކޮށް އަމިއްލަށް ހުރިހާ ހުއްދައެއް ފަސޭހަކަމާ އެކު ހޯދޭނެ "ނުސުކް އުމްރާ" ހިދުމަތް ސައޫދީ ސަރުކާރުން ރަސްމީކޮށް ފަށައިފި އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ މި ހިދުމަތުގައި، އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުން ނުސުކް އިލެކްޓްރޯނިކް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމުން އިތުރު އެޖެންޓެއް މެދުވެރި ނުވެ، ހުއްދަ ލިބޭނެ ކަމަށެވެ.

"ނުސުކް އުމްރާ އަކީ ވިސާ ދޫކުރުމާއި ޕެކޭޖްތައް ހަމަޖެއްސުމުން ފެށިގެން ހުރިހާ ކަމެއް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ބެލުމުގެ ދަށުން ބަލައްޓާ ޕްލެޓްފޯމެއް" ކަމަށް އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އުމްރާގެ އަޅުކަމަށް މިހާރު ވެސް ގްރޫޕްތައް މެދުވެރި ނުވެ ދެވުނަސް، ވިސާ އާއި ހުރުމުގެ ކަންކަން ފަދަ ބައެއް ކަންކަން ހަމަޖައްސަން ޖެހެނީ ހުއްދަ އޮންނަ އެޖެންޓުން މެދުވެރިކޮށެވެ.

ނަމަވެސް "ނުސުކް އުމްރާ" ހިދުމަތުން އެ ހުރިހާ ކަމެއް އަމިއްލައަށް ހަމަޖެއްސޭނެ އެވެ.

ނުސުކް އުމްރާގެ ދަށުން ދޭ ޕެކޭޖްތަކުގައި، ހަރަމްފުޅު ކައިރިން އެންމެ މަތީ ފެންވަރުގެ ހޮޓާތަކުގައި ތިބެގެން އަޅުކަމުގެ ކަންކަން ހަމަޖެހޭނެ އެވެ. މި ޕެކޭޖްތަކުގެ ތެރޭގައި އެކި މުއްދަތުގެ ޕެކޭޖުތަކާއި މައްކާ އާއި މަދީނާގެ އެކި ތަންތަނަށް ޒިޔާރަތްކުރުމުގެ އިންތިޒާމްތަކާ އެކު ހުރި ޕެކޭޖްތައް ވެސް ހިމެނެ އެވެ.

އުމްރާ އަދި ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަށް އެ ކަންކަން ފަސޭހައިން ހަމަޖެހޭނެ ގޮތް އިންތިޒާމްކޮށް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުއްދަތައް ދޫކުރުމަކީ ސައުދީގެ "ވިޝަން 2030" ގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސައޫދީން މިދިޔަ މަހު ވަނީ ސައްހަ ވިސާއެއްގައި ސައޫދީއަށް އެތެރެވާ ކޮންމެ މީހަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ވެސް ފަށައިފަ އެވެ. އުމްރާ ވިސާ ނޫން އެހެން ވިސާއެއްގައި ވެސް ސައޫދީއަށް އެތެރެވުމަށް ފަހު ނުސުކް އުމްރާ ޕްލެޓްފޯމުން، އެ މީހަކު ބޭނުންވާ ޕެކޭޖެއް ނެގުމާ އެކު ވަގުތުން އުމްރާ ވިސާ ލިބޭނެ އެވެ.