04 ނޮވެމްބަރ 2025 - 15:11

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސަށް ފަހު ބިލު ދިރާސާކުރަން މިއަދު ފޮނުވީ މުޅި މަޖިލިސް ހިމެނޭ ކޮމެޓީއަށެވެ. މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ބާއްވާ މުޅި މަޖިލީހުގެ ކޮމިޓީއަކީ އާއްމުކޮށް ބޮޑެތި ކަންކަން ނިންމާ ކޮމެޓީއެކެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 55 މެންބަރުން ވޯޓުންނެވެ.
ކޮމިޓީގައި އެ ބިލާ މެދު ކުރި މައިގަނޑު ބަހުސަކީ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ބިލަށް ހޯދުމާ ބެހޭގޮތުންނެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ހިޔާލު އެ ބިލަށް ހޯދަން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާ ބައްދަލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި އެވެ. އަދި އެ ބިލުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
"މިވަރުގެ ބޮޑު ބިލެއް އަޅުގަނޑުމެން ފާސް ކުރާއިރު ބަޖެޓް އިމްޕްލިކޭޝަންސް އަޅުގަނޑުމެންނަށް އެނގެން ޖެހޭ، ދައުލަތަށް ގެއްލޭނެ ކަމަށް ފޯކާސްޓް ކުރެވޭ އަދަދު އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ. ލިބޭނެ ފައިދާ އަޅުގަނޑުމެންނަށް އެބަ އެނގެން ޖެހޭ. ހިސާބުން، ހިސާބު އަކުރުން،" މީކާއިލް ވިދާޅުވި އެވެ.
އެ ބިލުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހަށް ފަސްކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމާ ދެކޮޅު ހައްދަވައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަަރުން މަސައްކަތް ކުރަނީ އެ ބިލުގެ މަސައްކަތް ލަސްކުރަން ކަމަށެވެ. އެހެން ވިދާޅުވެ، އެ ބިލުގެ ކޮމިޓީ މަރުހަލާ މިއަދުން މިއަދަށް ނިންމަން އޭނާ ހުށަހެޅުއްވި އެވެ.
އެހެންވެ، އިތުރު ބަހުސެއް ނުކޮށް ކޮމިޓީން ބިލް ފާސްކުރި އެވެ.
އެ ބިލުގައި އެސްއީޒެޑް ގާނޫނަށް ގެންނަން ހުށަހަޅާފައި އޮތް އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކަށް ގެންނަ ބަދަލެވެ. އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ. ނަމަވެސް ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖްކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް އެ ބިލްގައިވެ އެވެ.