އެސްއީޒެޑްގެ ގޮތުގައި ޓައުންޝިޕް ތަރައްގީކުރެވޭ އިސްލާހު ފާސްކޮށްފި
އެސްއީޒެޑްގެ ގޮތުގައި ޓައުންޝިޕް ތަރައްގީކުރެވޭ އިސްލާހު ފާސްކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ހެދޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލަށް މާބޮޑު ބަދަލެއް ނުގެނެސް، މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލަށް ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން އެވަގުތު ތަޅުމުގައި ތިއްބެވި 10 މެންބަރުންނެވެ.

އެ ބިލުގެ މަސައްކަތް އަވަަސްކުރުމުގެ ގޮތުން، އެ ބިލް ކޮމިޓީން ދިރާސާ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ގޮތުގައި އިއްޔެ އެވެ. އިއްޔެގެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ބައެއް ހުށަހެޅުންތައް ހުށަހެޅި ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ފާހެއް ނުވެ އެވެ.

ކޮމިޓީން ބިލް ތަޅުމަށް ފޮނުވި ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރީ ވެސް މާގިނަ ބަހުސެއް ނުކޮށެވެ.

އެ ބިލުގައި އެސްއީޒެޑް ގާނޫނަށް ގެންނަ އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކަށް ގެންނަ ބަދަލެވެ. އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ. ނަމަވެސް ޝުޖާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.

ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖް ކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް އެ ބިލްގައިވެ އެވެ.