04 ނޮވެމްބަރ 2025 - 11:42

ގިނަ އަދަދެއްގެ ޑްރަގު ބަރުކޮށްގެން ދަނިކޮށް ސްރީ ލަންކާ އިން އަތުލައިގަތް މަސް ބޯޓަށް ޑްރަގް އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނޫން ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ ރާއްޖޭގެ ފުލުހުން މިއަދު ބުނެފި އެވެ.
"ސީދޭވީ" ގެ ނަން ދީފައިވާ އެ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް އެ ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް ދިވެހި ފުލުހުން ބުނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އެ ބޯޓަކީ ރާއްޖޭގެ ސަރަަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ކަށަވަރު ކޮށްދީފައި،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުންޏެެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ކަމަށް މައުލޫމާތު ލިބުނީ ލަންކާގެ ގޯލް ސިޓީގައި އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށްވެ އެވެ.
އެ ބޯޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ އެވެ.
މަސްވެރިކަން ކުރުމަށް، އުޅަނދުގެ ވެރިފަރާތުން އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކަށް ނަމަވެސް މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ނޭނގޭ ކަމަށް ވެރިފަރާތުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނެ އެވެ.