04 ނޮވެމްބަރ 2025 - 10:45

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން، މަޖިލީހުގެ ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓުގެ ވަގުތެއް ދޭން، މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ މި އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތަށް ބަޖެޓު ބަހުސަށް މެމްބަރުންނަށް ވަގުތު ކަނޑައަޅާފައިވަނީ، ވަރަށް ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށެވެ.
އެގޮތުން ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓު ދިނުމާއެކު، ބަޖެޓް ދިރާސާ ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ވަގުތެއް މިދިޔަ އަހަރު ދީފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ސުވާލުތަކާއި ހިޔާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް، ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ވަގުތެއް މިދިޔަ އަހަރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ބަޖެޓްގެ ބަހުސަށް މިދިޔަ އަހަރު ދިން ވަގުތުތައް، މިފަހަރު ވެސް ދޭން ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މިއަހަރަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓުގެ ބަހުސް ފެށުމުގެ ކުރިން މެމްބަރުންނަށް ދޭންޖެހޭ ހަތް ދުވަހުގެ މުއްދަތު މަޖިލީހުގެ ރިޔާސަތުން ވަނީ ދީފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. އެއީ މި އަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަދި އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ ކަމަށް ބަޖެޓްގައި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
މިއަހަރަށް ވުރެ ބަޖެޓް އިތުރުވި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް އަންނަ އަހަރު ސަރުކާރުން ދައްކަން ޖެހެ އެވެ.