04 ނޮވެމްބަރ 2025 - 12:18

މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އަޅަން އެ ސަރަހައްދުގެ މަގުތައް ޓްރެފިކަށް އިއްޔެ ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނާ ހަމައަށް ވެހިކަލަށް ނުވަދެވޭނެ އެވެ. އަދި އެ ސަރަހައްދު ކައިރި މަގުތަކުގައި ޕާކް ކުރުން ވެސް މިވަގުތަށް ވަނީ މަނާކޮށްފަ އެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހު އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ މަގު ތަރައްގީކުރާނީ މަގު ފުޅާކޮށް ހަތަރު ލޭނަށެވެ. އެ މަގު ފުޅާކުރުމަށް އެއްގަމު ތޮށި ބޭރަށް ޖެއްސުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އެ ސަރަހައްދުގެ ފަޅު ވެސް އޮތީ ބަންދުކޮށްފަ އެވެ.
އެކި ބައިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މާރުކޭޓު ސަރަހައްދުން ފެށިގެން އެމްޓީސީސީގެ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އެ މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ. އަދި އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ މުޅި މަޝްރޫއު އެއް އަހަރާއި ތިން މަސްދުވަހުގެ ތެރޭގައި ނިންމާށެވެ.
އެ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރައި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ.