މިޔަރުގެ މަސްވެރިކަމަށް ހުއްދަނުދޭން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
މިޔަރުގެ މަސްވެރިކަމަށް ހުއްދަނުދޭން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

މިޔަރު ހިފުމާއި މިޔަރުގެ މަސްވެރިކަމަށް ރާއްޖޭގައި ހުއްދަނުދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު އިއްވީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމައި، ހާއްސަ އުސޫލެއްގެ ދަށުން މި މަހުން ފެށިގެން ހުއްދަ ދޭން ފަށަން ނިންމާފައި ވަނިކޮށެވެ.

އެ ގަރާރުގައި އައްބާސް ވިދާޅުވީ މިޔަރު އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ، ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތްތަކެއް ކަމަށެވެ. އެހެންވެ މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތެރިކަން ދަށް އާބާދީތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"..ކަނޑުގެ ނިޒާމުގައި މިޔަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހަކަށް ވެފައި، ކަނޑުގެ އެހެން ދިރުންތައް ކޮންޓްރޯލްކޮށް، ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވާ 'ކީސްޓޯން ސްޕީޝީޒް' އަކަށްވާއިރު، ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލައިފި ނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެ،" ގަރާރުގައި އައްބާސް ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއްބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށް ކުރާ ޑައިވިން އާއި ސްނޯކްލިން ކަމަށާއި ހާއްސަކޮށް ތަފާތު ވައްތަރުގެ މިޔަރާއި އެންމަޑި ފަދަ، ކަނޑުގައި އުޅޭ ބޮޑެތި ދިރުންތައް ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން ރާއްޖެއަށް އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަރާރުގައި އައްބާސް ވިދާޅުވީ، ދިރޭ މިޔަރަކުން ޓޫރިޒަމްގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަން އެކި ދިރާސާތަކުން ދައްކާ ކަމަށެވެ.

"ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަނެއްކާވެސް ހުއްދަކޮށްފި ނަމަ، މިޔަރުގެ އާބާދީ ދަށްވެ، ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބި، މިއީ ރާއްޖޭގެ އިގުތިސާދުގެ މައިބަދައަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" ގަރާރުގައި އޭނާ ވިދާޅުވި އެވެ.

މިޔަރުގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ރާއްޖެއިން މުޅި ދުނިޔެއަށް ދައްކައިދީފައިވާ ނަމޫނާ އެ ގޮތުގައި ދެމެހެއްޓުމުގެ ބަދަލުގައި، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަމަށް ބަދުނާމު ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

އެއީ ދުނިޔޭގެ އެކި ޖަމުއިއްޔާތަކާއި، ތިމާވެށީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް ރާއްޖެއަށް އަމާޒުވެ، ރާއްޖޭގެ ބްރޭންޑަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.