04 ނޮވެމްބަރ 2025 - 07:09

އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ ޒަހްރާން މަމްދާނީ އިންތިހާބުކޮށްފި ނަމަ ފެޑެރަލް ސަރުކާރުން ނިއު ޔޯކަށް ދޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ދަތިކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވައިފި އެވެ.
"މަމްދާނީ ކާމިޔާބުކޮށްފި ނަމަ ފެޑެރަލް ފަންޑުން، ދޭންޖެހޭ ފައިސާއިން ކޮންމެހެން ދޭންޖެހޭ، ކުޑަ ފައިސާކޮޅެއް ނޫނީ ނިއު ޔޯކަށް ދިނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް،" އިންތިހާބުގެ ވޯޓުލުން ފަށަން ތައްޔާރުވެފައި ވަނިކޮށް ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އާއި ގާޑިއަން އެންޖެލްސްގެ ބާނީ އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ އަށް ވުރެ، 34 އަހަރުގެ މަމްދާނީ އުޅުއްވަނީ މޭޔަރުކަމުގެ ރޭހުގައި މާ ކުރީގަ އެވެ.
"ރިއަލްކްލިއާ ޕޮލިޓިކްސް" ގެ ޕޯލްތަކުން ދައްކާ ގޮތުގައި މަމްދާނީ 45.8 ޕަސެންޓުން ލީޑުކުރައްވާއިރު، ކުއޯމޯ އަށް ވުރެ އިތުރަށް އޮތް 14.7 ޕޮއިންޓު ލީޑު ގެންދަނީ ދަމަހައްޓަމުންނެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީއަށް އާދަޔާ ހިލާފް ކުއްލި މަޝްހޫރުކަމަކާއި މަގުބޫލުކަމެއް ވަނީ ލިބިފަ އެވެ.
މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. ޔުގެންޑާގައި އުފަންވި މަމްދާނީ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން ހައެއްކަ އަހަރުގަ އެވެ.
މޭޔަރުކަމުގެ ރޭހަށް މަމްދާނީ ނުކުންނެވި ހިސާބުން ފެށިގެން ޓްރަމްޕާއި އޭނާގެ ޓީމުން ގެންދަނީ މަމްދާނީއަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ.
އިންތިހާބުގެ ވޯޓުލުން ފަށާނީ އެމެރިކާއަށް މި މަހުގެ 4 ވަނަ ދުވަހު ހެނދުނު 6:00 ގަ އެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00 އެވެ.