03 ނޮވެމްބަރ 2025 - 22:34

މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ދިވެހިންގެ ބަޔަކު އިސްވެ، ސްރީ ލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް މިއަދު ހުޅުވައިފި އެވެ.

ޓެރަރިސްޓުން ސިފައިންގެ މައި މަރުކަޒަށް އެންމެ ފުރަތަމަ ހަމަލަދިން ވަގުތު، މައި ގޭޓުން ވަރުގަދަ ހަމަލާތަކެއް ރައްދުގައި ދީ، އެތެރޭގައި ތިބި ސިފައިން ތައްޔާރުވާން މެދުވެރިވި ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ބިނާކުރީ އޭނާގެ މަތިވެރި ގުރުބާނީ އާއި ހުރި ހިތްވަރުގެ ހަނދާން އާކުރަން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.
ނަސްރުގެ ދުވަހުގެ މުނާސަބާގައި، ޝަހީދު ހުސައިން އާދަމް ގެހަނދާނީ ބިނާ ރަސްމީކޮށް އިފްތިތާހުކުރަން ކުޅުދުއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފެވެ.
އެ ރަސްމިއްޔާތުގައި ހުސައިން އާދަމްގެ އާއިލީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޝަހީދު ހުސައިން އާދަމްގެ އުފަން ރަށުގައި ބިނާކުރި ހަނދާނީ ބިނާގައި ވަނީ އޭނާ ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ފަތިހު ސިފައިންގެ މައި މަރުކަޒުގެ ގޭޓުގައި ޑިއުޓީ އަށް ހުރި އިރު ބޭނުންކުރި އޭކޭ 47 ގެ ބަޑީގެ ނަކަލެއް ބަހައްޓައިފަ އެވެ.
ސިފައިންގެ މައި މަރުކަޒަށް ޓެރަރިސްޓުން ވަންނަން ފުރުސަތު ނުދީ، ގޭޓް ބެލެހެއްޓި އޭރު އެންމެ 20 އަހަރުގެ ހުސައިން އާދަމް ނިޔާވީ ހުރިހާ ވަޒަނެއް ހުސްވި ވަގުތު ޓެރަރިސްޓުން ރައްދުގައި ދުއްވާލި ވަޒަންތަކެއް ފުލުފުލުން އޭނާގެ ގަޔަށް އަރައިގެންނެވެ.