ހުޅުމާލެ އަށް ވެސް ވަކި ކައުންސިލެއް އުފައްދަން ޝަމްހީދު ގޮވާލައްވައިފި
ހުޅުމާލެ އަށް ވެސް ވަކި ކައުންސިލެއް އުފައްދަން ޝަމްހީދު ގޮވާލައްވައިފި

ހުޅުމާލެއަކީ މާލެއާ މުޅިން ތަފާތު ސިފަތަކެއް ހުރި ތަނެއް ކަމަށާއި ލޯކަލް ގަވާނެންސް އަންނަން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ އަދި އެ ތަނެއް ދަންނަ ބައެއްގެ ތެރެއިން ކަމަށް ވިދާޅުވެ، ހުޅުމާލެ އަށް ވަކި ކައުންސިލެއް އުފައްދަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މާލޭގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލަކުން ހުޅުމާލެ އަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް އަމަލު ނުކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެން ސިޓީއަކުން ހުޅުމާލެ ހިންގުމަކީ އަމަލީ ގޮތުން ކަމެއް ނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

"މިއީ މިނިވަން ވަކި ކައުންސިލަކާ އެކު ހުޅުމާލެ ބާރުވެރި ކުރުވަންވީ ވަގުތު. ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި މިކަން ހިމަނުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ގޮވާލަން،" ޝަމްހީދު ވިދާޅުވި އެވެ.

ހުޅުމާލެ އަށް ވަކި ލޯކަލް ކައުންސިލެއް އުފެއްދުމުގެ ހިޔާލު އޭނާ މި ހުށަހެޅުއްވީ އައްޑޫ ހުޅުދު އާއި މީދޫ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ހިޔާލު ހޯދުމުގެ ވޯޓަކުން ނިންމިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ހުޅުދު އާއި މީދޫ އަދި ފޭދޫގައި ވެސް ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓޔ މީހުން ވޯޓު ދިނެވެ. އެކަމަކު، ފޭދޫން 73 ޕަސެންޓު މީހުން ވޯޓު ދިނީ ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ.

ޝަމްހީދުގެ ޕޯސްޓް ރީޕޯސްޓްކުރި ބައެއް މީހުން އޭނާގެ ހިޔާލަށް ތާއީދު ކޮށްފައި ވެ އެވެ. ރީޕޯސްޓްކުރި ބައެއް މީހުން ބުނީ އެއީ އަޅަން މުހިއްމު ފިޔަވަޅެއް ކަމަށެވެ.