ރައީސްގެ ސިޓީއާ ގުޅިގެން ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް
ރައީސްގެ ސިޓީއާ ގުޅިގެން ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅަން އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަސްޓަމްސްގެ ތިން އޮފިސަރުންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ރައީސްގެ ސިޓީއާ ގުޅިގެން ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް
ރައީސްގެ ސިޓީއާ ގުޅިގެން ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް

ހޯކްސްގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާ ހިލާފަށް ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ބޭރުކުރި މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަނީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ މަހުގެ 29 ގައި މަގާމުން ވަކިކުރައްވައިފަ އެވެ.

ކަސްޓަމްސްގެ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މަގާމުން ވަކިކުރައްވާފައިވާއިރު، 241 ކޮމިޓީގެ "ސިއްރު" ސިޓީ އަށް ރިއާޔަތްކޮށް އިތުރު ތިން އޮފިސަރެއްގެ މައްސަލަ އެ އިދާރާ އިން އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅައި ދިނުމަށް ރައީސް ވަނީ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އަށް އެ ދުވަހު އަންގަވައިފަ އެވެ.

އެ ތިން އޮފިސަރުންގެ މައްސަލަތަކާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މީހުންގެ މައްސަލަތައް އެ އިދާރާގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

ކަސްޓަމްސްގެ ގަވާއިދާއި އުސޫލުތަކުގައިވާ ގޮތުން އެއްވެސް އޮފިސަރަކާ މެދު ފިޔަވަޅެއް އެޅޭނީ ތުހުމަތު ކުރެވޭ މައްސަލައެއް އެ ގަވާއިދުގެ ދަށުން އުފައްދާފައިވާ ހާއްސަ ކޮމިޓީން ބެލުމަށް ފަހު އެވެ. އެހެންވެ، އެއީ ވަކި ތަރުތީބަކުން ގެންދާ ޕްރޮސެސްއެއް ކަމަށް ވެ އެވެ.

މަޖިލިގުގެ 241 ކޮމިޓީން ރައީސް މުއިއްޒަށް ފޮނުވީ ސިއްރު ވާހަކަތަކެއް ހިމެނޭ ސިޓީއެއް ކަމަށް ވުމުން އެ ސިޓީގައި ބުނާ ވާހަކަތަކާއި މީހުންގެ ނަންތައް އަދި ހިންގި ކަމަށް ބުނާ ކަންކަން ވަނީ ސިއްރު ކޮށްފަ އެވެ.

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި ކަސްޓަމްސް ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ހާއްސަކޮށް މަހްމޫދު ރިޔާޒާ އެއްކޮޅަށް ގިނަ ބަޔަކު އަރައި، އޭނާ ދިފާއު ކޮށްފައިވެ އެވެ.

އެހެންވެ. މަހްމޫދު ރިޔާޒު ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މައްސަލަ ބަލައި ދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ 241 ކޮމިޓީ އަށް މިދިޔަ މަހުގެ 30 ގައި ހުށަހަޅުއްވައިފަ އެވެ.

ކުޑޫގެ ސިޓީގައި ވިދާޅުވީ 2017 ގައި ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލައިގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ވަކިކުރި މަހުމޫދު ރިޔާޒަކީ އިހުލާސްތެރިކަމާ އެކު ކަސްޓަމްސްގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"މި ދިގު މުއްދަތުގައި މިފަދަ އެއްވެސް ކަމެއްގައި މަހްމޫދު ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތް ފަރާތަަކަށް ނުވާތީ، މި މައްސަލަ އަލުން ބައްލަވައި ދެއްވުން އެދި އަދަބުވެރިކަމާ އެކު ދަންނަވަމަވެ." ކުޑޫގެ ސިޓީގައި ވިދާޅުވި އެވެ.

މަހުމޫދު ރިޔާޒު ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.