މިއަދަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް: ޔާމީން
މިއަދަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް: ޔާމީން

މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން އިންޑިއާ އިން ދިން އެހީތެރިކަމަކީ އެ ގައުމުގެ "މަދަދުވެރިކަން ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ، ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ 80 ވަރަކަށް މީހުން ގޮވައިގެން މާލެ އަރައި ދިން ހަމަލައިން ދިވެހިން ސަލާމަތްވުމުގެ އުފަލުގައި ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހާ އެކު، ޔާމީން "އެކްސް" ގައި ހަތް ކަމެއް މިއަދު ފާހަގަކުރެއްވި އެވެ.

އޭގެ ތެރެއިން އެންމެ ފަހު ކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ "އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅިގެން ރާއްޖެ އަށް އަސްކަރީ އެެހީތެރިކަން ދިން އިންޑިއާގެ ނަން ކުރީގެ ރައީސް ޔާމީން މިއަދު ފާހަގަކުރެއްވިއިރު، އެ މަނިކުފާނު ވެފައި ވަނީ ރާއްޖެ-އިންޑިއާގެ ގުޅުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާއަށެވެ. އެއީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްގަދަ ކުރަން އުޅޭ ކަމަށް ބުނެ އާންމުކޮށް ދައްކާ ވާހަކަތަކާ އެކު، ޔާމީން ވިދާޅުވާ ފާޑުކިޔުންތަކެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ އެކު ބޭއްވި ގާތްގުޅުމާއި އިންޑިއާ އިން ދީފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވި ތިބޭތީ އެ ކަމާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންގައި ވެސް ޔާމީންގެ ދައުރު ވަރަށް ބޮޑެވެ. އަދި ޔާމީންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވެސް ގޯސްވި އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ޔާމީން މިއަދު ދެން ވިދާޅުވީ، އެއީ ގައުމީ ބަތަލު އަދި މިހާރު ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށެވެ. އަދި އެއީ ރާއްޖެ ދިފާއު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ މީހަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ދެން ފާހަގަކުރެއްވި އިތުރު ކަންކަން:

- ނަސްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް.

- ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް.

- ސިފައިންގެ ވަރުގަދަ އަޒުމާއި ވަރުގަދަ ގުރުބާނީ ފާހަގަކުރި ދުވަސް.

- ޒުވާން ޝަހީދު ހުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް.