04 ނޮވެމްބަރ 2025 - 08:52

ޕެރޫގެ މަޖިލިސް މެމްބަރަކު އޭނާގެ ސްޓާފަކު ލައްވައި ފައިގެ ނިޔަފަތި ކަނޑުވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެ، އެ މައްސަލަ ހޫނުވެއްޖެ އެވެ.
އާންމުވި ފޮޓޯއިން ފެންނަނީ ޕެރޫގެ ކޮންގްރެސް ޕާޓީގެ މަޖިލިސް މެމްބަރު ލުސިންޑާ ވަސްކޭޒް އޭނާގެ ކުރީގެ އެޑްވައިޒަރު އެޑްވާޑް ރެންގިފޯ ޕެޒޯ ލައްވައި އޭނާގެ ފައިގެ ނިޔަފަތި ކަނޑުވާ ތަނެވެ. ފޯނު ކޯލެއްގައި ވާހަކަދައްކަން އޭނާ ސޯފާގައި އިން އިރު، އޭނާގެ ކަނާތު ފައިގެ ނިޔަފަތި ކަނޑައިދޭން އެޑްވައިޒަރު ކައިރީގައި ހުރި އެހެން ގޮނޑިއެއްގައި އިނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެއީ މިދިޔަ އަހަރު ނޮވެމްވަރު މަހުގެ ހަވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯ އާންމުވުމާ އެކު އާންމުން ރުޅިގަދަވެ، ޒުވާނުން މަގުތަކަށް ނުކުމެ ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
މި މައްސަލާގައި ލުސިންޑާއަށް އަދަބު ދޭން ކޮންގްރެސްގެ އިސްވެރިޔާ ވަނީ ގޮވާލައިފަ އެވެ.
ފެރޫގެ މަޖިލީހުގެ އެތިކްސް ކޮމިޓީގެ އިސްވެރިޔާ އެލްވިސް ވާގަރާ މީޑިއާއަށް ވިދާޅުވެފައި ވަނީ އެ މައްސަލައާ ގުޅިގެން ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އެ ފޮޓޯ އާންމުވުމުން ލުސިންޑާ ވަނީ އެއީ އޭނާގެ ކުރީގެ މުވައްޒަފުން އޭނާގެ އަގުވައްޓާލަން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި އެއީ ގަސްތުގައި އާންމުން ރުޅިއަރުވަން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.