އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރަން ރައީސް އަންގަވައިފި
އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރަން ރައީސް އަންގަވައިފި

އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެގޮތަށް އަންގަވާފައިވަނީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ ދަށުން ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެއާ ސްޓޭޝަން ގާއިމްކުރަނީ ދިވެހިންގެ ދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށް ކަމަށެވެ.

ރެޔާއި ދުވާލު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ދިވެހި ސިފައިންނަށް މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް އެ ގަރާރުގައި ދިވެހި ސިފައިންގެ މައްޗަށް ރައީސް އަންގަވައި، އަމުރުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ގަރާރަކުން އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދެވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

މީގެ ކުރިން ވެސް އެކި ނަންނަމުގައި ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި އެވެ. އެކަމަކު، އޭރު އެފަދަ އޮޕަރޭޝަންތަކުގައި ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ ބޭރުގެ ގައުމުތަކަށެވެ.

އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.