04 ނޮވެމްބަރ 2025 - 08:50

ދުނިޔޭގެ އެންމެ އަގުބޮޑު ކޮފީ ދުބާއީގައި ވިއްކަން ފަށައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ކޮފީގެ ތައްޓެއް ވިއްކަނީ 980 ޑޮލަރު (14،994ރ.) އަށެވެ. އެ ކޮފީ ވިއްކަނީ ދުބާއީގައި ކޮފީ ވިއްކުމަށް މަޝްހޫރު ކެފޭއެއް ކަމަށްވާ ޖުލިތު ކެފޭއިންނެވެ.
އޭއެފްޕީން ބުނީ ދުބާއީގެ ސިނާއީ ސަރަހައްދެއް ކަމަށްވާ އަލް ގޫޒްގައި ހުންނަ އެ ކެފޭއަކީ މިހާރު އެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ކޮފީ ބުއިމަށް ވަންނަ އެއް ކެފޭ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ އަގުބޮޑު ކޮފީ ވިއްކަން ފަށާފައިވާއިރު، އެ ކެފޭގެ އަމާޒަކީ އޭގެ 400 ތަށި ވިއްކުން ކަމަށް އެތަނުގެ ވެރިޔާ ބުންޏެވެ.
ޕެނަމާގެ ކޮފީ ބީންސްގައި ތައްޔާރުކުރާ އެ ކޮފީގައި ލަނީ "ފްލޯރަލް އަދި ފްރުޓީ" ރަހަތަކެކެވެ. އެކި ރަހަތަކުން ލިބޭ އެ ކޮފީގައި ހުވަންދުމަލާއި ސިޓްރަސް އާއި އޮރެންޖާއި ޕީޗް ކަހަލަ އެކި ފްލޭވާތަކުގެ އޮޕްޝަންތައް ލިބެންހުރެ އެވެ. އަދި އޭގެ ފޮނި ރަހަ ހެޔޮވަރުކުރަން މާމުއި ބޭނުންކުރެ އެވެ.
އޭއެފްޕީން ބުނީ ޖުލިތު ކެފޭއިން މި ކޮފީ ތައްޔާރުކުރަނީ ޕެނަމާގައި ބޭއްވި ނީލަމެއްގައި ބައިވެރިވެ، ވަރަށް އަގުބޮޑުކޮށް ގަތް 20 ކިލޯގެ ކޮފީ ބީންސް އިން ކަމަށެވެ. ސަތޭކައެއްހާ ބިޑު ހުށަހެޅި އެ ނީލަން އެ ކެފޭއިން ކާމިޔާބުކުރީ 600،000 ޑޮލަރު (9.1 މިލިއަން ރުފިޔާ) އަށް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
މިއީ ދުނިޔޭގައި މިހާތަނަށް ބަޔަކު ކޮފީ ގަތް އެންމެ ބޮޑު އަގު ކަމަށްވެ އެވެ.
އެންމެ އަގުބޮޑު ކޮފީ ވިއްކުމުގެ ދުނިޔޭގެ ރެކޯޑް ވެސް ދުބާއީން މިދިޔަ މަހު ވަނީ ހަދައިފަ އެވެ. އެއީ، ދުބާއީގެ ރޯސްޓާސް ބްރޭންޑުން 680 ޑޮލަރު (10،404ރ.) އަށް ވިއްކި ކޮފީއަށް ލިބުނު ރެކޯޑެވެ.