ތިން ވަނަ ކުއާޓާގައި އެމްއައިބީއަށް މާލީ ބޮޑު ކުރިއެރުމެއް
ތިން ވަނަ ކުއާޓާގައި އެމްއައިބީއަށް މާލީ ބޮޑު ކުރިއެރުމެއް

މޯލްޑިވްސް އިސްލާމިކް ބޭންކަށް މި އަހަރުގެ ތިން ވަނަ ކުއާޓާގައި މާލީ ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީން ބުނީ ތިން ވަނަ ކުއާޓާގައި ބޭންކުގެ އެސެޓް 1.5 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ އެސެޓް ވެލިއު 15 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 92 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ ކުރީ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 138 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ ދެ ވަނަ ކުއާޓާއާ އަޅާބަލާއިރު 9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ ކުއާޓާގައި ޑިޕޮސިޓަށް 1.02 ބިލިއަން ރުފިޔާ އިތުރުވެ، ޖުމްލަ 12.11 ބިލިއަނަށް ވަނީ އަރައިފަ އެވެ.

އެމްއައިބީން ވަނީ މިދިޔަ ކުއާޓާގައި އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވުމަކީ ބޭންކަށް ކުރާ އިތުބާރު އިތުރުވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެ ބޭންކުން ބުނީ އެ ބޭންކުން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭން ކަމަށެވެ.

އެމްއައިބީން މިދިޔަ ކުއާޓާގައި، މުޖުތަމައުއަށް ފައިދާކުރަނިވި އެކި މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން، ބ. އަތޮޅުގައި ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމަށް ސޮނެވާ ނަމޫނާއާ އެކު އެއްބަސްވުމެއް ހަދައި މަސައްކަތް ފެށުން ފާހަގަކުރެވެ އެވެ.

އެމްއައިބީ އަކީ އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ހިދުމަތާ އެކު އިތުރު ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދެ އެވެ.