03 ނޮވެމްބަރ 2025 - 11:54

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެ ޓާމިނަލުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީ އެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި އެ ފްލައިޓުން ފުރަތަމަ ފުރި 108 ފަސިންޖަރުންނަށް ވަނީ ހަދިޔާ ވެސް ދީފަ އެވެ. އޭގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ޔޫއެސް-ބަންގްލާ އެއާލައިންސަކީ ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިންގެ އިތުރުން ފްލީޓް ސައިޒުގެ ގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު އެއާލައިނެވެ. ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ޔޫއެސް-ބަންގްލާއާ އެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 20 އަށް އިތުރުވެފަ އެވެ.