03 ނޮވެމްބަރ 2025 - 19:10

އިންޑިއާ އިން މިހާތަނަށް އުފެއްދި އެންމެ ބަރު މުއާސަލާތީ ސެޓެލައިޓް ލޯންޗްކޮށް، އެ ގައުމުގެ ސްޕޭސް ޕްރޮގްރާމްގެ އިތުރު ކާމިޔާބީއެއް ހާސިލްކޮށްފި އެވެ.
ސީއެމްއެސް-03 ސެޓެލައިޓް އުދުއްސާލީ އަންދްރަ ޕްރަދޭޝްގެ ސްރީހަރިކޯޓާ އިން، އިއްޔެ ފަތިހު 5:26 (ޖީއެމްޓީން ހެނދުނު 11:56) ގަ އެވެ.
"އަޅުގަނޑުމެންގެ ސްޕޭސް ސެކްޓާއިން އަންނަނީ ގައުމު ފަހުރުވެރިކޮށްދެމުން،" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ކާމިޔާބީއަށް ތައުރީފުކުރައްވަމުން ވިދާޅުވި އެވެ.
މޯދީގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް އިންޑިއާގެ އެސްޓްރޮނޯޓެއް ހަނދަށް ފޮނުވުމެވެ.
ބަރުދަނުގައި 4،410 ކިލޯގްރާމް (9،722 ޕައުންޑް) ހުރި ސެޓެލައިޓަކީ އިންޑިއާ އިން މިހާތަނަށް އުދުއްސާލި އެންމެ ބަރު ކޮމިއުނިކޭޝަން ސެޓެލައިޓަށް ވާއިރު މިއީ ކަނޑު އުޅަނދުތަކާއި މަތިންދާބޯޓުތަކާއި ސަބްމެރިންތަކާ ދެމެދު ރައްކާތެރިކަމާ އެކު މުއާސަލާތީ ގުޅުންތައް ގާއިމް ކުރެވޭނެ ސެޓެލައިޓެއް ކަމަށް ނޭވީން ބުންޏެވެ.
ސީއެމްއެސް-03 އުދުއްސާލީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހު އިންޑިއާއިން ހަނދަށް ފޮނުވި ލޭންޑަރު ފޮނުވާލުމަށް ބޭނުންކުރި 43.5 މީޓަރު (143 ފޫޓް) އުސް އެލްވީއެމް3-އެމް5 ލޯންޗިން ވެހިކަލްގައި، އަޕްގްރޭޑް ވާޝަނެއްގެ ރޮކެޓެއް ބޭނުންކޮށްގެންނެވެ.
މީގެ ކުރިން ހަނދުގައި ކޮންޓްރޯލް ލޭންޑިން ހަދާފައި ވަނީ ރަޝިއާ އާއި އެމެރިކާ އަދި ޗައިނާއިން އެކަންޏެވެ.
އިންޑިއާއިން ވަނީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އެ ގައުމުގެ ސްޕޭސް ޕްރޮގްރާމަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. -- އޭއެފްޕީ