04 ނޮވެމްބަރ 2025 - 06:20

ރަޝިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ބިމުގެ އަޑީގައި ސިއްރުން ނިއުކްލިއާ ޓެސްޓްތަކެއް ކޮށްފައިވާ ކަމަށާއި އެހެންވެ އެމެރިކާއިން ވެސް ޓެސްޓުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސީބީއެސްގެ "60 މިނެޓްސް" ޕްރޮގްރާމްގައި ޓްރަމްޕު ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޗައިނާއިން ވެސް ޓެސްޓުތައްކޮށް އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ތިބެނީ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ޓެސްޓު ނުކުރާ ހަމައެކަނި ގައުމަކީ އެމެރިކާ ކަމަށް ވާކަށެއް،" އުތުރު ކޮރެއާ އާއި ޕާކިސްތާނަކީ ވެސް މިގޮތަށް ސިއްރުން ޓެސްޓުކުރާ ކަމަށް ބެލެވޭ ދެ ގައުމު ކަމަށް ތުހުމަތުކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެެމެރިކާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓުކުރަން ފަށަން އަންގަވާނެ ކަމަށް ޓްރަމްޕު މިދިިޔަ ހަފްތާގައި ވިދާޅުވުމާ އެކު މިއީ 1992 ވަނަ އަހަރުގެ ފަހުން އެމެރިކާއިން ފުރަތަމަ ފަހަރަށް "ނިއުކްލިއާ ގޮއްވާލުމެއް" ގޮއްވާލަން ނިންމުންތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ނިއުކްލިއާ ޓެސްޓްކުރާނެ ކަމަށް، އުމުރުން 79 އަހަރުގެ ޓްރަމްޕު އިއުލާނުކުރެއްވީ ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ އެކު ދެކުނު ކޮރެއާގައި ބޭއްވި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަތުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ޓްރަމްޕު މި ނިންމުން ހާމަކުރެއްވީ، ނިއުކްލިއާ ހަކަތަ ބޭނުންކުރާ ކްރޫޒް މިސައިލެއް ކަމަށްވާ ބުރެވެސްޓްނިކް އާއި ނިއުކްލިއާ ހަކަތަ ބޭނުންކުރާ، ކަނޑުއަޑީގެ ޑްރޯނެއް ޓެސްޓްކޮށްފައިވާ ކަމަށް ރަޝިޔާއިން ބުނުމާ އެކުގަ އެވެ.
އެމެރިކާއިން ވެސް، އެތައް އަހަރެއް ފަހުން، ނިއުކްލިއާ ޓެސްޓެއް ކުރަން ނިންމެވީތޯ ސީދާ ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ "މި ދަންނަވަނީ އެހެން ގައުމުތަކުން ނިއުކްލިއާ ޓެސްޓްކުރާ ގޮތަށް އެމެރިކާއިން ކުރާނެ" ކަމަށެވެ.
ނިއުކްލިއާ ހަތިޔާރު މި ފަހުން ޓެސްޓުކުރި ކަމަށް އިއުލާނުކުރި ހަމައެކަނި ގައުމަކީ އުތުރު ކޮރެއާ އެވެ. ރަޝިޔާއިން 1990 ވަނަ އަހަރު އަދި ޗައިނާއިން 1996 ވަނަ އަހަރު ޓެސްޓުތައް ކޮށްފައިވެ އެވެ.
ޓްރަމްޕު ވިދާޅުވީ އެ ގައުމުތަކުން ޓެސްޓުކޮށްފައި އެ ވާހަކަ ނުދައްކާ ކަމަށާއި ނިއުކްލިއާ ޓެސްޓުތަކުގެ ބާރު ގަދަ ނަމަވެސް، މި ބޮޑު ދުނިޔޭގައި އެފަދަ ޓެސްޓުތައް ކުރަނީ ކޮން ތަނެއްގައި ކަމެއް ނޭނގޭ ކަމަށެވެ.
ޓްރަމްޕު ނިއުކްލިއާ ޓެސްޓުގެ ވާހަކަ ދައްކަވާއިރު، އެމެރިކާއިން ވަނީ އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ނިއުކްލިއާ ޓެސްޓް ކުރުން މަނާކުރާ "ކޮމްޕްރިހެންސިވް ނިއުކްލިއާ ޓެސްޓް-ބޭން ޓްރީޓީ" ގައި 1996 ވަނަ އަހަރު ސޮއިކޮށްފަ އެވެ.