03 ނޮވެމްބަރ 2025 - 07:53

އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ދިވެހި ޒުވާނާ ވެސް ރޭ ނިޔާވެއްޖެ އެވެ.

އިއްޔެގެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އެމްޕީއެލްގެ ކޮޅުވެއްޓީގައި މަސައްކަތްކުރާ އަފްލާހުގެ އާއިލާގެ މީހަކު މިއަދު ބުނީ، އެ ހާދިސާގައި އަފްލާހުގެ "ފޫޅުން ތިރި އެއްކޮށް އޮތީ ޗިސްވެފައި" ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔަ އިރުން ފެށިގެން އޮޕަރޭޝަން ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.

"އެކަމަކު، މާ ބޮޑަށް ހާލު ސީރިއަސްވެ ރޭ ދަންވަރު ހިތް ހުއްޓުނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި ކޮޅުވެއްޓި ބަންޑުންޖަހާލީ އެ އުޅަަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކެއްގެ ބެލެންސް ގެއްލިގެންނެވެ.
"އެ ވަގުތު ހައިމާކުގެ ބެލެންސް ރަނގަޅު ކުރަން އެ އަށް އެރި މީހާ ހިފާލި ވަގުތު ހައިމާކް އަރިއަޅާލައިގެން ކޮޅުވެއްޓި ބަންޑުން ޖަހާލީ. އޭރު އަފްލާހު ތާށިވީ ކޮޅުވެއްޓި އާއި ހައިމާކާ ދޭތެރޭގައި،" އޭނާ ކިޔައިދިނެވެ.
މި ހާދިސާގައި ދިވެހި ޒުވާނާގެ އިތުރުން ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން ވެސް ވަނީ އިއްޔެ ނިޔާވެފަ އެވެ. އެއީ ވެސް އެމްޕީއެލްގެ މުވައްޒަފެކެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލި ވަގުތު އޭގައި 14 މީހަކު ތިއްބެވެ. އެ އެންމެން ސަލާމަތްކުރި ނަމަވެސް ހަ މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. އަނިޔާވި މީހުންނަށް މިހާރު ވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލައި، ތިން މީހަކު މަރުވެފައި ވެ އެވެ. އޭގެ ތެރެއިން އެކަކީ ވެސް ދިވެއްސެކެވެ.
އޭނާ މީގެ ކުރިން މަސައްކަތް ކުރަމުން އައީ ގެމަނަފުށީ ކައުންސިލް އިދާރާގެ ޑްރައިވަރެއްގެ ގޮތުގަ އެވެ.
ރަށުގެ އެކި ހަފުލާތަކުގެ ފޮޓޯ ނެގުމަށް މަޝްހޫރު އެ ޒުވާނާ ފ. ދަރަނބޫދޫގެ މީހަކާ ކައިވެނިކުރީ ވެސް ވަރަށް ފަހުންނެވެ. އަދި އަފްލާހުގެ މަންމަ ނިޔާވިތާ އަދި ވީ ހައެއްކަ މަހެވެ.
"ރަށުގެ މީހުންނާ ވަރަށް ގުޅޭ ވަރަށް ރަނގަޅު ޒުވާނެއް އެއީ. މަންމަ ނިޔާވެގެން އެ ކަމުގެ ހިތާމައިގައި މި ހުރިހާ ދުވަހު އުޅުނީ. ބައްޕަ ނިޔާވިތާ މާ ގިނަ ދުވަސްތަކެއް ނުވެ މަންމަ ވެސް ނިޔާވީ،" ގެމަނަފުށީގެ މީހަކު ބުންޏެވެ.