03 ނޮވެމްބަރ 2025 - 07:39

ލިވަޕޫލުގެ ލިޑާޝިޕްނަގަން ތިބި ކުޅުންތެރިން ކަންނެއްވެއްޖެ ކަމަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ ބުނ ވާހަކަ އަށް ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވެންޑައިކް ރައްދު ދީފި އެވެ.

ބީބީސީގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ރޫނީ ބުނީ ލިވަޕޫލުގެ ލީޑާޝިޕްނަގަން ތިބި ދެ ކުޅުންތެރިންގެ ފަރާތުން މި ސީޒަނުގައި ފެންނަނީ ކަންނެއްވެފައިވާ މަންޒަރުކަމަށެވެ.
ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންނަށް ލިވަޕޫލަށް މި ސީޒަނުގައި ކުރިމަތިވެފައި އޮތް އުނދަގޫ ހާލަތުގައި އިއްޔެއަކީ އެ ޓީމަށް ހަމަޖެހިލެވުނު ދުވަހެކެވެ. ލީގުގައި ކުރިން ކުޅުނު ހަތަރު މެޗުން ބަލިވި ފަހުން އިއްޔެއަކީ ހަމަނުޭވާއެއް ލެވުނު ދުވަހެކެވެ.
ވިލާއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗު 2-0 ން މޮޅުވި އެވެ.
ހަމަޖެހުމުގެ ނެވާއާ އެކު ވެންޑައިކް ރައްދު ދިނީ ރޫނީ އަށެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި ކާމިޔާބު ހޯދި ރޫނީ ކޯޗިންގައި ފެއިލްވުމުން އޭނާ މިހާރު މަސައްކަތް ކުރަނީ ފުޓްބޯޅަ ޕަންޑިޓް ނުވަތަ އެނަލިސްޓެއްގެ ގޮތުގަ އެވެ.
ވެންޑައިކް ބުނީ މިދިޔަ ސީޒަނުގައި ލިވަޕޫލު ފޯމުގައި ކުރިއަށް ދިޔައިރު އެއްވެސް ވާހަކައެއް ރޫނީ ނުދައްކާ ކަމަށެވެ. އެކަމަކު ހާލަތު ގޯސްވި ވަގުތު ރޫނީ ވާހަކަ ދައްކަނީ ރަނގަޅަށް ދިރާސާނުކޮށް ކަންނެއްގޮތަކަށް ކަމަށެވެ.
ވެންޑައިކް ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި ރޫނީ ހޯދާފައިވާ ކާމިޔާބު ބަލައި ގަންނަ ކަމަށެވެ. އޭނާއަކީ ފުޓްބޯޅައިގެ ބޮޑު ލެޖެންޑެއް ކަމަށް ވެންޑައިކް ބުންޏެވެ.
"އެކަމަކު އަހަންނަށް އިހްސާސް ކުރެވެނީ އެ ކޮމެންޓް އޭނާ އެ ކުރީ ކަންނެއްގޮތަކަށް ފާޑުކިޔާލަން ވެގެން. އެއީ އަހަރެންގެ އަމިއްލަ ހިޔާލެއް،" ރޫނީ އަށް ރައްދު ދެމުން ވެންޑައިކް ބުންޏެވެ.
"... އަހަރެން ބުނިހެން މިދިޔަ އަހަރު ކަންކަން ރަނގަޅަށް ދިޔައިރު އޭނާ ވާހަކަދައްކާ އަޑެއް ނާހާނެ. އެހެންވީމަ ޕަންޑިޓް އޭނާކުރާ ކަންތައް އޭނާ ކުރަން ޖެހޭނެ. (އެކަހަލަ ވާހަކަ ދެއްކުން) އެއީ އޭނާކުރަންޖެހޭނެކަމެއް އެ ވަޒީފާގައި."
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުގެ ލަނޑުތައް ޖެހީ މުހައްމަދު ސަލާހް އާއި ރަޔަން ގްރާވިންބާކް އެވެ.