އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކުމަށްފަހު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީއައިއޭއިން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު ފޭރުނީ ޑޮލަރު އަޅާފައި ހުރި ސޫޓް ކޭސް ހިފައިގެން ޓާމިނަލަށް ވަންނަން އުޅުނު ދެ މުވައްޒަފަށް ބިރު ދެއްކުމަށްފަހު އެވެ.

އެ މައްސަލައާ ގުޅިގެން އެ ދުވަހު ހަތަރު މީހަކު ހައްޔަރުކޮށް، ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިން ކޯޓުން ދިން މުއްދަތު ހަމަވާތީ އެ މީހުން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން އެ ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ؛

- ލ. މާވަށް ރޭޝަމް، މާޒިން މޫސާ

- މ. ކޯރަސް، އަހުމަދު ރައިހާން ނައީމް

- ކ. ގުރައިދޫ އަޅިވިލާގޭ، އިބްރާހިމް އަނޫފް

- ކ. ގުރައިދޫ އަޅިވިލާގޭ ހުސައިން ޝަހުދު

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރު ދެއްކީ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" ތެރެއިންނެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭ ކުރުމަށްފަހު ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތުމަށްފަހު އެ މީހުން ދުވެ ގޮސް އެރީ ލޯންޗަކަށް ކަމަށް މައުލޫމާތު އެނގޭ މީހަކު މީގެ ކުރިން ބުނެފައިވެ އެވެ.

އެ ޑޮލަރުތައް ހިފައިގެން، އެ ދުވަހުގެ ހެނދުނު 8:45 ގައި އެ މީހުން ވަނީ މާލެއިން ފުރައިގެން 30 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ހުރައަށް ގޮސްފަ އެވެ. އަދި އެ މީހުން ހައްޔަރުކުރީ އެ ރަށުގައި ތިއްބަ އެވެ.

ހުރައިން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ ހަތަރު މީހުން ޑޮލަރު ގެންގުޅޭތަން، އެ މީހުން ތިބި ގެސްޓްހައުސްގެ ސީސީޓީވީ ކެމެރާއިން ފެންނަ ކަމަށެވެ.