ބިން ދޫކުރަން ވާނީ ވެށިފަހި މާލެ ޕްރޮގްރާމް ހިންގި އުސޫލުން: ނަޝީދު
ބިން ދޫކުރަން ވާނީ ވެށިފަހި މާލެ ޕްރޮގްރާމް ހިންގި އުސޫލުން: ނަޝީދު

ބިން ދޫކުރަން އެންމެ ރަނގަޅު ގޮތަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ދޫކުރި އުސޫލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މާލެއިން ބިން ދޫކުރުމުގެ ބަހުސް ބޮޑުވެފައި ވަނިކޮށް، ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބިން ދޫކުރަން އެންމެ ރަނގަޅީ، މާލެއިން ލިބޭ ބިންކޮޅު ދޫކޮށްލާ ގޮތަށް އެ މަނިކުފާނުގެ ވެރިކަމުގައި ހިންގި "ވެށިފަހި" މާލެ ޕްރޮގްރާމް ކަމަށެވެ.

އޭގެ އިތުރުން، ރަށްރަށުން ވެސް މާލެ މީހުންނަށް ބިން ލިބުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ މާލެއަކީ ވަކި ބައެއްގެ ތަނެއް ނޫން ކަމަށެވެ. އަދި އެކަން އެ މަނިކުފާނު ލިޔުއްވާފައިވާ "މާލެ ކިއްލާ" ފޮތުގައި އެ ވާހަކަތައް ބަޔާންކޮށްފައިވާނެ ކަމަށް ނަޝީދުގެ ޕޯސްޓްގައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ 1750 ވަނަ އަހަރު ބޯހިމެނިނަމަ، މާލެއިން ފެންނާނީ އެކި ކަރަކަރަތަކުގެ މީހުންނާއި އެކި ރަށްރަށަށް ނިސްބަތްވާ މީހުން ކަމަށެވެ.

ބިން ދޫކުރަން ޖެހޭނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ދޫކުރި ގޮތަށް ކަމަށް ނަޝީދު ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިމާއި ފްލެޓް ދޫކުރީ މާލެއިން ލިބިފައިވާ ބިންތައް ދައުލަތަށް ދޫކޮށްލާ ގޮތަށެވެ.