ނިއުކްލިއާ ސައިޓްތައް ކުރިއަށްވުރެ ވަރުގަދަޔަށް ހަދާނަން: އީރާން
ނިއުކްލިއާ ސައިޓްތައް ކުރިއަށްވުރެ ވަރުގަދަޔަށް ހަދާނަން: އީރާން

އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ނިއުކްލިއާ މަރުކަޒުތައް ކުރިން ހުރި ވަރަށްވުރެ ވަރުގަދައަށް ހަދާނެ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ސައިޓްތައް ހަލާކުވެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް "ނައްތާލެވުނު" ކަމަށެވެ. އެކަމަކު އެ ތަންތަނަށް ލިބުނު ގެއްލުމާއި ނިއުކްލިއާ ޕްރޮގްރާމަށް ކުރި އަސަރެއް ޔަގީނެއް ނުވެ އެވެ.

ހަލާކުވި ސައިޓްތައް ކުރިއަށްވުރެ ވަރުގަދައަށް ހަދާނެ ކަމަށް ވިދާޅުވީ އީރާނުގެ ނިއުކްލިއާ އޯގަނައިޒޭޝަނަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް މަސްއޫދު ޕެޒެޝްކިއާން އެވެ.

"އިމާރާތްތައް ހަލާކުކޮށްގެން ... އަހަރެމެން ފަހަތަކަށް ނުޖެއްސޭނެ،" އީރާންގެ ރައީސް ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ ސައިންސްވެރިންނަށް، އަދިވެސް ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތް ރަނގަޅަށް އެނގޭ ކަމަށެވެ.

އޭނާ އިތުރު ތަފްސީލެއް އެ ކަންްކަމާ ބެހޭ ގޮތުން ނުދެއްވަ އެވެ.

ހަމަލާތަކުގެ ކުރިން ފެބްރުއަރީ މަހު ވެސް ޕެޒެޝްކިއަން ވަނީ އީރާނަށް ހަމަލާ ދީފި ނަމަ، ނިއުކްލިއާ ސައިޓްތައް އަލުން އާރާސްތުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޖޫން މަހު އިޒްރޭލުން ވަނީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި ނިއުކްލިއާ ސައިންސްވެރިންނާ ދެކޮޅަށް ކުއްލި އަދި ވަރުގަދަ ހަމަލާތަކެއް ދޭން ފަށައި 12 ދުވަސް ވަންދެން އެ ހަމަލާތައް ކުރިއަށްގެންދިޔަ އެވެ. އާންމުން އުޅޭ ސަރަހައްދުތަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައި ވާއިރު ނިއުކްލިއާ އިސް ސައިންސްވެރިންގެ އެތައް ބަޔަކު އެ ހަމަލާތަކުގައި އަވަހާރަކޮށްލި އެވެ.

އީރާނުން ވެސް ރައްދުގައި އިޒްރޭލަށް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތައް ދީފައިވެ އެވެ.