ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ

އެ ހާދިސާގައި 25 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނޭ.

ކޮޅުވެއްޓި ބަންޑުންޖެހި ހާދިސާގައި މަރުވީ އެމްޕީއެލްގެ ބިދޭސީ މުވައްޒަފެއް.

އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓި ބަންޑުން ޖެހި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ. ފުލުހުން ބުނި ގޮތުގައި މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި މަރުވީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން.

މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލައި، ތިން މީހަކު މަރުވެފައި ވޭ. އޭގެ ތެރެއިން އެކަކީ ދިވެއްސެއް. އެއީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުންޖަހާލި ކޮޅުވެއްޓިއެއް.

އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ބިދޭސީއަކަށް. ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހާލު ސީރިއަސް.

ފުލުހުން ދެންމެ ބުނީ، ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން މިހާރު ފެނިފައިވާ ކަމަށް.

އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް މިއަދު ހަވީރު ބަންޑުން ޖަހާލައި ހަ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 3:55 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ފުރަތަމަ ގެންދިޔައީ ތިން މީހެކެވެ. ނަމަވެސް، ފަހުން އިތުރު ތިން މީހަކު އެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ.

އެ ހޮސްޕިޓަލުން ބުނީ އެ މީހުންނަށް ފަރުވާ ދެމުން އަންނާތީ ލިބުނު އަނިޔާތައް އަދި ސާފުނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގެ ތެރޭގައި މީހަކު ހުރި ކަމަށެވެ. ކޯސްޓުގާޑު ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ނަގާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.