02 ނޮވެމްބަރ 2025 - 14:23

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފުގެ އައްޑަނައެއް މާދަމާ އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ އައްޑަނަތައް އެރުވުން އޮންނާނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9:00 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެގޮތަށް ރައީސް ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސް ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އެ ދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވާނެ ކަމަށާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އެ ޓެރަރިސްޓް ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ.