ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ 99 މިލިއަނަށް!
ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ 99 މިލިއަނަށް!

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ސަރުކާރުގެ ޕްރައިވެޓް އިންޝުއަރެންސަށް 99 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ޕްރައިވެޓް އިންޝުއަރެންސަށް ކުރާ ހޭދަ ވަނީ މި އަހަރަށް ވުރެ 44 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. ޕްރައިވެޓް އިންޝުއަރެންސަށް ސަރުކާރުން ހޭދަ ކުރަން މި އަހަރު ކަނޑައެޅީ 55 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޕްރައިވެޓް އިންޝުއަރެންސަށް ވަނީ 46 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ބަޖެޓުގެ އިންޝުއަރެންސް ކޯޑުގެ ދަށުން ހޭދަކުރަނީ، ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ރައްޔިތުންނާއި މަޖިލިހުގެ މެންބަރުންގެ އިތުރުން ގާނޫނުތަކުން އިންޝުއަރެންސް ދޭން ކަނޑައަޅާފައިވާ ފަރާތްތަކާއި ދައުލަތުގެ އިމާރާތްތަކާއި އެސެޓުތަކުގެ އިންޝުއަރެންސް އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންޝުއަރެންސް ހަރަދު މި ފަހަރު ބޮޑުވީ ސަރުކާރުން މިދިޔަ އަހަރު ގަނެފައިވާ ހަ އަސްކަރީ ޑްރޯން އިންޝުއާ ކުރުމުންނެވެ. ސަރުކާރުން މިދިޔަ އަހަރު ވަނީ ހަ އަސްކަރީ ޑްރޯނެއް ގަނެފަ އެވެ. އެ ތަކެތި ގަތުމަށް ގާތްގަނޑަކަށް 550 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އިންޝުއަރެންސް ބަޖެޓުން މިނިސްޓަރުންގެ އިންޝުއަރެންސަށް ކުރާ ހޭދަ ވެސް އަންނަ އަހަރު ދެގުނަ ވެ އެވެ. އަންނަ އަހަރު މިނިސްޓަރުންގެ އިންޝުއަރެންސަށް 5.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި އަހަރު އެ އަދަދު ހުރީ 2.5 މިލިއަން ރުފިޔާގަ އެވެ. އޭގެ އިތުރުން ދައުލަތަށް އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހާއްސަކޮށް އިންޝުއަރެންސަށް 1.6 މިލިއަން ބަޖެޓުގައި ހިމަނާފައިވެ އެވެ.

ޕްރައިވެޓް އިންޝުއަރެންސްގެ އިތުރުން، ހުރިހާ ރައްޔިތުންނަށް ދޭން ކަނޑައަޅަފައިވާ ސިއްހީ އިންޝުއަރެންސް، އާސަންދަ އަށް އަންނަ އަހަރުގެ ބަޖެޓުގައި ދެ ބިލިއަން ރުފިޔާ ކަނޑައަޅަފައިވެ އެވެ. އެއީ މިއަހަރެކޭ ދާދި އެއް ވަރެއްގެ އަދަދެކެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ.