29 މާޗް 2017 - 17:47

ސިޔާސީ އިދިކޮޅު ފަރާތްތައް ގުޅިގެން ފަށާފައިވާ މަސައްކަތް ހުއްޓުވާލަން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތް ފެއިލްކޮށްލާނެ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގެއް ފަށާފައި ވަނިކޮށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވުމުގެ އިތުރުން ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޭބަންދުގައި ބެހެއްޓުމަށް ފަހު އަލުން މިއަދު ޖަލަށް ގެންގޮސްފައި ވަނިކޮށެވެ.
ރިޔާޒް ވިދާޅުވީ ސިޔާސީ ލީޑަރުން އެއްގަލަކަށް އެރުމަކީ ރައީސް ޔާމީނަށް ހަޖަމްކުރައްވަން ދަތި ކަމަކަށް ވެފައިވާ ކަމަށެވެ. އިދިކޮޅު ހަރަކާތްތައް ހުއްޓުވަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ކާމިޔާބު ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް އިޝާރާތް ކުރައްވައި ރިޔާޒް ވިދާޅުވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ ނިންމުންތައް ސިޔާސީ ވެގެން ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ރިޔާޒް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތު ރިޔާޒްގެ މައްޗަށްކޮށް އޭނާގެ މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.