02 ނޮވެމްބަރ 2025 - 11:52

ކ. ތުލުސްދޫގައި ހިންގާ ގެސްޓް ހައުސްއަކުން ބަނގުރަލާ އެކު މިދިޔަ މަހު ހަތް މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި ފުލުހަކު ހިމެނޭ ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ނަމަވެސް ތަހުގީގު ބޭނުމަށް އެ މީހުންގެ ބަންދު އިތުރު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ކަމަށެވެ.
އެހެންވެ، އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑުކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބެލުމަށް ފަހު، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ފުލުހުންގެ ވަޒީފާ އިން ވަކިކުރުމަށް ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ތުލުސްދޫގެ ގެސްޓް ހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެސްޓް ހައުސް އިން ފުލުސްމީހާ ހިމެނޭ ގޮތަށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ތިން ފިރިހެނުންނާއި 26 އަހަރުގެ އަންހެނަކާއި 23 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އެންމެންނަކީ ވެސް ދިވެހިންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކުރީ ގެސްޓް ހައުސް ބަލައިފާސްކުރި އިރު އެ މީހުން ތިބި ތަނުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ދެ ފުޅި އާއި ތައްޓެއް ފެނުނު މައްސަލާގަ އެވެ.
އެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.