02 ނޮވެމްބަރ 2025 - 11:51

އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، 25، އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާތީ، އެ ރޭ އޭނާ ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރި ކަމަށާއި ބަންދުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.