02 ނޮވެމްބަރ 2025 - 10:42

ބޮލީވުޑްގެ އެކްޓަރު ކާތިކް އަރްޔަންގެ އާ ފިލްމު "ނާގްޒިއްލާ" ގެނެސްދޭ ތާރީޚު އިއްޔެ އިއުލާންކޮށްފި އެވެ.
"ނާގްޒިއްލާ" ގެނެސްދޭ ތާރީޚު އިއުލާންކުރީ ކާތިކް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. އެ ފިލްމު ގެނެސްދެނީ އަންނަ އަހަރު އޮގަސްޓް މަހު 14 ގަ އެވެ.
ކާތިކްގެ ޕޯސްޓުގައި ހިއްސާކުރި ފޮޓޯއިން އެނގޭ ގޮތުގައި، އެ ފިލްމުގެ މަންޒަރުތައް ނަގަން ފެށީ އިއްޔެ އެވެ.
"ފޫކްރޭ"ގެ ފިލްމުތައް ގެނެސްދިން މްރިގުދީޕް ސިންގް ލަމްބާ ޑައިރެކްޓުކުރާ "ނާގްޒިއްލާ"ގައި ކާތިކް ފެންނާނީ ހަރުފައަކަށް ބަދަލުވާ އިންސާނެއްގެ ރޯލުންނެވެ.
"ނާގްޒިއްލާ"އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނަށް ކާތިކް ކުޅޭ ތިންވަނަ ފިލްމެވެ. އޭނާ ކުޅުނު އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމު "ދޯސްތާނާ 2" ވަނީ ޝޫޓިން ފެށުމަށް ފަހު ވަކި ހިސާބަކުން މަސައްކަތްތައް ހުއްޓާލައިފަ އެވެ. މިހާރު އެ ފިލްމަށް މުޅިން އާ ކާސްޓެއް ވަނީ ނަގައިފަ އެވެ.
ކާތިކް ކުޅުނު ދަރްމާ ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު "ތޫ މޭރީ" މި އަންނަ ޑިސެމްބަރު މަހު 31 ގައި ރިލީޒްކުރަން ވަނީ ނިންމައިފަ އެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅުނީ އަނަންޔާ ޕާންޑޭ އެވެ.