02 ނޮވެމްބަރ 2025 - 06:23

ހަސަން ރާއިފް އަހްމަދު (ހަންނަ) ޖަހައިދިން ގޯލުން ނިއު ރޭޑިއަންޓުން 2-1 ން ބުރު ސްޕޯޓްސް ބަލިކޮށްފި އެވެ.
ހަތް އަހަރުގެ މެދުކަނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރި އައި ނިއުގެ ކޮޅަށް ރޭ ގެ މެޗާ ހަމައަށް އެންމެ ގޯލެއް ވެސް ނުވަދެ އެވެ. ހަ މެޗުން އެ ޓީމުގެ ގޯލު ހުޅުވުނު ހަމައެކަނި ޓީމަކީ ބުރެވެ.
ނިއުގެ މޫސާ ޔާމީން (ޔާންބެ) އެ ޓީމަށް ލީޑް ނަގައި ދީފައިވަނިކޮށް ބުރަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަލީ އިޝްފާގް ހަސަން މަޖީދެވެ.
އިޝްފާގްގެ އެ ލަނޑަކީ ނިއުގެ ގޯލް ބަލަހައްޓަމުންދާ ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފް ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
ޔާމީން، ނިއު އަށް ލަނޑު ޖަހައި ދިނީ 21 ވަނަ މިނެޓްގަ އެވެ.
ބުރުގެ ހާފުގެ މެދެއްހާހިސާބުގައި ހުރެފައި ހަންނަ ފޮނުވާލި ބޯޅަ ފުރަތަމަ ދިފާއު ކުރީ މިސްރުގެ ޑިފެންޑަރު އަލާ ނާސިރެވެ. އޭނާ އަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވުމުން ދެން އެ ބޯޅަ ކުރިއަށް ފޮނުވާލީ ބުރުގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އެވެ. އޭނާ ސާފުކޮށްލަށް ފޮނުވާލި ބޯޅައިގައި މާ ބޮޑު ބާރެއް ނެތެވެ. އެ ބޯޅަ ސީދާ ލިބުނީ ޔާމީނަށެވެ.
ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޔާމީން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
ބުރުން ނަތީޖާ ހަމަހަމަ 35 ވަނަ މިނެޓްގަ އެވެ.
ބުރުގެ ހާފުގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އިޝްފާގަށް ބޯޅަ ފޮނުވާލީ ލޯންގް ރޭންޖް ޕާހެއް ދިނުމަށެވެ.
އިޝްފާގް އަށް އެ ބޯޅަ ލިބޭނެކަމަށް ނިއުގެ ޑިފެންޑަރުން ތިބީ ތައްޔާރު ވެގެނެއް ނޫނެވެ. ކީޕަރު ސާގިބް ވެސް ހުރީ ކޮންމެވެސް ވަރަކަށް ކުރިއަށް ނުކުމެ އެވެ. ބޯޅަ ހޯދައި އޭރިއާ ތެރެއަށް ވެސް ނުވަދެ އިޝްފާގް ވަނީ ސާގިބްގެ ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
ހަންނަ ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) ދިން ބޯޅައިންނެވެ. ސެންޓޭ ދިން ބޯޅައިގެ ކޮންޓްރޯލް ހަންނަ ހޯދީ ބުރުގެ ޑިފެންޑަރު ވެސް އޭނާގެ ކައިރިގައި ވިއްދާފައި ވަނިކޮށެވެ. ބޯޅަ ކޮންޓްރޯލްކޮށް އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.
މެޗުން މޮޅުވެ، އޮޑި ސްޕޯޓްސްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ފައިދާ ގޯލުން އޮޑިއަށް ކުރި ލިބެނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ.