ކޯޓުގެ ހުކުމާ ގުޅިގެން އެމްއެލްއެސްޑީޕީ އިއާދަކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި
ކޯޓުގެ ހުކުމާ ގުޅިގެން އެމްއެލްއެސްޑީޕީ އިއާދަކޮށް، ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ޕާޓީ އިއާދަކޮށް، ޕާޓީތަކުގެ ދަފުތަރުގައި އަލުން ހިމަނައިފި އެވެ.

ޖޫން، 2022 ގައި އެމްއެލްއެސްޑީޕީ އުވާލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހު ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ އެވެ.

އެހެންވެ، އިލެކްޝަން ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިއާދަކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީ އަލުން ހިމަނާފައިވާ ކަމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިންއިރު އެ ޕާޓީގައި 2،700 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ. އަދި އެ ނޯޓިހާ ގުޅިގެން އެ ޕާޓީން އިތުރަށް 300 އަށް ވުރެ ގިނަ މެމްބަރުން ހަމަކޮށް، ކޮމިޝަނަށް ފޯމު ފޮނުވާފައިވާއިރު، އެ ފޯމުތައް ސައްހަ ކަމަށް ކޮމިޝަނުން ވެސް ބަލައިގެންފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން، މެމްބަރުން ހަމަކުރަން ނޯޓިސް ދީފައި ވަނިކޮށް އެ މުއްދަތުގެ ތެރޭގައި އިތުރަށް ޕާޓީން ވަކިވާ މެމްބަރުންގެ ބަދަލުގައި އިތުރަށް މެމްބަރުން ހަމަކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވިޔަސް، ޕާޓީން މެމްބަރުން ހަމަކުރަން ޖެހޭނީ ނޯޓިސް ދިންއިރު މަދުވި އަދަދަށް އެކަންޏެވެ. އަދި ކޮމިޝަނުން އެމްއެލްއެސްޑީޕީ އުވާލީ އެ އުސޫލުން މެމްބަރުންގެ އަދަދު ހަމަކޮށްފައި ވަނިކޮށް ކަމަށްވާތީ އެ ޕާޓީ އުވާލަން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް އެ ހުކުމުގައިވެ އެވެ.

ނަމަވެސް އެމްއެލްއެސްޑީޕީ ދެމިއޮންނާނެކަން ނުވަތަ ނޫންކަން އެ ހުކުމުގައި ބުނެފައެއް ނުވެ އެވެ.