އިމިގްރޭޝަންގެ 70 ވަޒީފާއަށް އެދި 500 އަށް ވުރެ ގިނަ މީހުން
އިމިގްރޭޝަންގެ 70 ވަޒީފާއަށް އެދި 500 އަށް ވުރެ ގިނަ މީހުން

އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދަން މިއަދު ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.

އިމިގްރޭޝަނަށް އޮފިސަރުން ހޯދަން މިއަދު ހުޅުމާލޭ ފޭސް 2 ގެ ސަލާހުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ އެ އިންޓަވިއުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އިންޓަވިއުގައި ބައިވެރިވާން ހުޅުވާލީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރު 4:30 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ ވޯކް-އިންޓަވިއުއަށް ލިބުނީ ވަރަށް ރަނގަޅު ތަރުހީބެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިއަދުގެ އިންޓަވިއުގައި ޝަރުތު ހަމަވެ، އިންޓަވިއުއިން ފާސްވި ކެންޑިޑޭޓުން އަދި އިތުރު ދެ އިމްތިހާނެއް ފުރިހަމަ ކުރަންޖެހެ އެވެ.

އެއީ އިމިގްރޭޝަނުން އެގޮތަށް ކުރިއަށް ގެންދިޔަ ދެވަނަ ވޯކް-އިން އިންޓަވިއު އެވެ. މީގެކުރިން 50 އޮފިސަރުން ހޯދަން ކުރިއަށް ގެންދިޔަ އިންޓަވިއުގައި 876 މީހުން ބައިވެރިވި އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 758 މީހުންނެވެ.