02 ނޮވެމްބަރ 2025 - 10:09

އައްޑޫ ހިތަދޫ ސްކޫލްގެ ފަހުގެ ތާރީހަށް ބަލާއިރު، އެ ސްކޫލްގައި އެންމެ ވިދާލި ޕްރިންސިޕަލަކީ ޑރ. އާސިޔަތު މުހައްމަދު ދީދީ ކަމަށް ބުނެވޭނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. މަތީ ވަނަތައް ކުދިންނަށް ލިބުމުގަ އާއި ހިތަދޫ ސްކޫލްގެ ނަން ރާއްޖޭގެ ތައުލީމީ ދާއިރާގައި މަޝްހޫރު ވުމުގެ އެއް މޭސްތިރިޔަކީ އޭނާ އެވެ.

ނަމަވެސް އެ ސްކޫލްގައި 11 އަހަރު ވަންދެން ޕްރިންސިޕަލްކަން ކުރެއްވުމަށް ފަހު އަންނަ އަންގާރަ ދުވަހު އޭނާ ފެންނާނީ މުޅިން އެހެން ތަނަކުންނެވެ. ޔަގީނުން ވެސް ހިތަދޫ ސްކޫލްގެ ހަތަރު ފާރުގެތެރެއަކުނެއް ނޫނެވެ.

ހިތަދޫގައި ހިންގާ ޕޮލިސް ޓްރެއިނިން ސްކޫލްގެ އެޑްމިިނިސްޓްރޭޓިވް ޑިރެކްޓަރަކަށް އާސިޔަތު ނުކުންނަވާއިރު، އޭނާގެ ހަޔާތުގެ ބޮޑު ބައި ގުޅިފައިވާ ހިތަދޫ ސްކޫލްގެ ހަނދާންތަކާ ދުރަށް ދެވޭކަށް ނެތެވެ. ހާއްސަކޮށް އެ ސްކޫލްގައި ސާނަވީ ތައުލީމު ފެށުމާއި ސާނަވީ ގްރޭޑުތަކުގެ ކުދިންގެ ކިޔެވުމުގެ ނަތީޖާއާ އެންމެ ބޮޑަށް ގުޅިފައިވާ އެއްބޭފުޅަކީ އާސިޔަތެވެ.

މީގެ 14 އަހަރު ކުރިން 2011 ގައި ހިތަދޫ ސްކޫލްގައި ގްރޭޑް 8 ތައާރަފުކުރި އިރު އާސިޔަތު ހުންނެވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

އައްޑޫގެ ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ނިޔަތުގައި އޭރުގެ ސަދަން އެޑިއުކޭޝަން ޔުނިޓުން ނިންމީ އެ ސިޓީގެ ހުރިހާ ސްކޫލެއްގައި ގްރޭޑް 8 ތައާރަފު ކުރުމަށެވެ. އެހެންވެ، ހިތަދޫ ސްކޫލްގައި ވެސް ސެކަންޑަރީ ފެންވަރަކަށް ކިޔަވައިދެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަމާ އެކު، އެ މަސައްކަތް ކާމިޔާބު ކުރުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ އާސިޔަތެވެ.

"އޭރުގެ ޕްރިންސިޕަލް އަލީ ހާލިދު ސާގެ އިސްނެންގެވުމާއި އިރުޝާދާ އެކު އަޅުގަނޑުމެން އެ މަސައްކަތް ފެށީ ނުހަނު ގިނަ ގޮންޖެހުންތަކަކާ އެކު. އޭރުގެ ހަނދާންތައް ހިތި. ބައެއް ސްކޫލްތަކުން ދޫކޮށްލި ޓީޗަރުންނާ އެކު އަޅުގަނޑުމެން ގްރޭޑް 8 ފެށީ ނަތީޖާ ނެރެވޭނެކަން އެނގި ތިބެ،" އައްޑޫގައި އުފެދުނު އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް އަލީ ހާލިދާ އެކު އެ ދުވަސްވަރު ކުރެއްވި މަސައްކަތާ ގުޅޭ ގޮތުން އާސިޔަތު ވިދާޅުވި އެވެ.
ހިތަދޫ ސްކޫލްގައި ގްރޭޑް 8 އުފެއްދިއިރު އާސިޔަތާއި އޭނާގެ ޓީމަށް އެންމެ ބޮޑު ހުރަކަށްވީ އެއް ކަމަކީ ބައެއް ފަރާތްތަކުގެ އެއްބާރުލުން ނުލިބުމެވެ. ސްކީމްތައް ހޯދަން އެދުމުން އައްޑޫގެ ބައެއް ސްކޫލްތަކުން ދިނީ ބީރުކަންފަތެކެވެ. މާ ބޮޑަކަށް އަޅައެއް ނުލި އެވެ. އެހެންވެ، އައްޑޫގެ ސްކޫލްތައް ދޫކޮށްލާފައި އާސިޔަތަށް ޖެހިވަޑައިގަތީ ޖެހިގެން އޮތް ފުވައްމުލަކާއި މާ ދުރުގައި އޮތް މާލޭގެ ބައެއް ސްކޫލްތަކުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާށެވެ.
"އަޅުގަނޑުމެންނަށް އެހީތެރިކަން ދެއްވީ ޏ. އޭއީސީ އިންނާއި މާލޭގެ ސްކޫލްތަކުން. ދަތުރު ހަދައިގެން އަޅުގަނޑުމެން ދިޔައީ ފުވައްމުލަކަށް. ރިފަރެންސް ފޮތްތައް ވެސް ލިބުނީ އެހާ އުނދަގުލުން. އެ އަހަރު ސްކޫލަށް އިތުރުވި ދަރިވަރުންނަށް ކިޔަވައިދިނީ އިތުރު ބަޖެޓެއް ނުލިބި،" އާސިޔަތު ވިދާޅުވި އެވެ.
"އާކަމެއް ފަށާއިރު ކަން ވާނީ ވެސް އެހެން. އެއީ އެއްވެސް ބައެއްގެ މައްސަލައެއް ނޫން."
ނަމަވެސް އޭރުގެ ޕްރިންސިޕަލް އަލީ ހާލިދުގެ އެހީތެރިކަމާ އެކު، ދޫނުދެއްވުމުގެ ނަތީޖާއަކީ ކާމިޔާބުވުމެވެ. މިއަދު ހިތަދޫ ސްކޫލްގެ ނަމާ ނުލައި، ސާނަވީ އިމްތިހާނުތަކުގެ ރަންވަނަތަކުގެ ލިސްޓު ފުރިހަމައެއް ނުވާނެ އެވެ. ކޮންމެ އަހަރެއްގެ އިމްތިހާނުން އެ ސްކޫލްގެ ދަރިވަރުން ގުނާލެވެނީ އައްޑޫ ފަހުރުވެރިވާ ނަތީޖާތަކުންނެވެ.
ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވާން ވަޑައިގަތުމަށް ފަހު، އެނބުރި ވަޑައިގެން ސްކޫލާ ހަވާލުވެ، 2011 ގައި ފެއްޓެވި މަސައްކަތާއިގެން ކުރިޔަށް އާސިޔަތު ވަޑައިގަނެ އިތުރު ގިއަރެއް ކުރިއަށް ލި އެވެ. ކޮންމެ ކުއްޖަކީ ވެސް ކިޔެވޭނެ ދަރިވަރެއްކަން ޓީޗަރުންނަށާއި ބެލެނިވެރިންނަށް ހަނދާން ކޮށްދެއްވަމުން، ދަރިވަރުންނާ އެކު ގާތް ގުޅުމެއް ބާއްވަމުން އާސިޔާ ދައްކުވައި ދެއްވީ ސްކޫލަކަށް ބޭނުންވާ ޕްރިންސިޕަލެއްގެ މިސާލެވެ.
"އާސިޔާ މިސްއަކީ އަޖައިބެއް ފަދަ ޕްރިންސިޕަލެއް. އަޅުގަނޑުމެންނާ ވަރަށް ގާތްގުޅުމެއް ބޭއްވި. ދަރިވަރުންގެ ކަންތައްތަކުގައި މިސް ދުލެއް ނުދެއްވާނެ. ކުއްޖަކަށް އަޅާނުލަންޏާ ވަރަށް ކޯފާވާނެ،" ހިތަދޫ ސްކޫލްގެ ލީޑިން ޓީޗަރަކު ކިޔައިދިނެވެ.
"މިސް އަށް ނަމުން ނޭގޭ ކުއްޖަކު ވަރަށް މަދުވާނެ. ކޮންމެ ދަރިވަރެއްގެ ބެކްގުރައުންޑު ހޯދާ ބަލައި އެ މައުލޫމާތު ޓީޗަރުންނަށް އެނގޭކަން ވެސް ކަށަވަރު ކުރައްވާނެ. އެއީ ވަރަށް ހިތްހެޔޮ ބޭފުޅެއް."
ސްކޫލްގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އައީ އާސިޔަތުގެ ސީދާ ބެއްލެވުމުގެ ދަށުން ބެލެނިވެރިންނާ ވެސް ގާތް ގުޅުމެއް ވެސް ބާއްވަމުންނެވެ.
"މި ސްކޫލްގެ ކުއްޖަކާ ގުޅޭ ކަމެއް ވެއްޖިއްޔާ އަޅުގަނޑު އެ ކަމަކަށް ޖަވާބުދާރީވާނެ. އަޅުގަނޑު ދެކެނީ ޕްރިންސިޕަލްގެ ހައިސިއްޔަތުން އެ ޒިންމާ އެންމެ އިސްކޮށް ނަގަން ޖެހޭނީ އަޅުގަނޑު ކަމަށް. އެހެންވެ، ކުއްޖަކާ ބެހޭ ގޮތުން ކިތަންމެ ގިނަ ސުވާލެއް، ކޮމްޕްލެއިނެއް އަޔަސް ޖަވާބު ދޭން އަޅުގަނޑު ބޭނުންވާނެ،" އާސިޔަތު ވިދާޅުވި އެވެ.
އޭނާގެ އެންމެ ހާއްސަ އެއް ސިފައަކީ ބައެއް ގޭގެ އަށް އަމިއްލަ އަށް ވަޑައިގެން ކުދިން ސްކޫލަށް ދާން ހިތްވަރު ދެއްވުމެވެ. ބައެއް ބެލެނިވެރިންނަށް އަމިއްލަ އަށް ފޯނުން ގުޅުއްވައި ކުދިން ސްކޫލަށް ފޮނުވަން ބާރު އަޅުއްވަ އެވެ. ސަލާން ބުނުމާއި އެކިއެކި އުޒުރުތައް މެދުވެރިކޮށް، ސްކޫލަށް ކުދިން ނައުމަށް ގެންގުޅޭ "އުކުޅުތަކަށް" އާސިޔަތު އަމިއްލަ އަށް އެޓެންޑުވެ، އެ ހާލަތު ބަދަލު ކުރެވޭތީ އިސްވެ މަސައްކަތް ކުރައްވަ އެވެ.
"ސްކޫލަށް އައިސްގެން ކުދިންނަށް ނަތީޖާއެއް ނެރެވޭނީ. ސްކޫލަށް ކުދިން ގެނައުމުގެ ހިތްވަރު އަޅުނޑަށް ލިބެނީ ވެސް އެ ވިސްނުން އެހާ ވަރަށް ހުންނާތީ،" އާސިޔަތު ވިދާޅުވި އެވެ.
އާސިޔަތުގެ ތައުލީމީ ހަޔާތުގައި ހިތަދޫ ސްކޫލްގެ ބެލެނިވެރިން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ބެލެނިވެރިންގެ ބައްދަލުވުމުންތަކުގައި ދައްކަވާ ވާހަކަތަކެވެ. ބެލެނިވެރިންނާ ޗެލެންޖު ކުރައްވައި އެއްވެސް ބެލެނިވެރިއެއްގެ ފޯނު ކޯލެއް ނުވަތަ މެސެޖަކަށް އެޓެންޑު ނުކުރައްވައި ނޯންނާނެ ކަމަށް އަބަދުވެސް ވިދާޅުވާނެ އެވެ.
"ބެލެނިވެރިންގެ ފޯނު ކޯލްތަކަށް ޖަވާބު ދެއްވާނެ އަބަދުވެސް. ކޯލެއް މިސް ވިޔަސް އަލުން ގުޅުއްވައި ވެގެން އުޅޭ ގޮތެއް އައްސަވާ،" ބެލެނިވެރިޔަކު ބުންޏެވެ.
އާސިޔަތު ގަބޫލު ކުރައްވާ ގޮތުގައި ކޮންމެ ދަރިވަރަކީ މޮޅު ކުރެވޭނެ ދަރިވަރެކެވެ. އެ ދަރިވަރެއްގެ ހުރި ހުނަރަކުން ދެވޭނެ އެންމެ މަތީ ހަރުފަތައް ގެންގޮސް ދިނުމަކީ ސްކޫލްގެ ޒިންމާއެކެވެ. ދަރިވަރުންނަށް ވަކި ނަތީޖާއެއް ހޯދުމަށް ޕްރެޝަރު ކުރުމުގެ ބަދަލުގައި އެ ކުއްޖެއްގެ ހުރި ގާބިލް ކަމަކުން ހޯދޭނެ އެންމެ މޮޅު ނަތީޖާ ހޯދުމަށް ހިތްވަރުދީ މަސައްކަތް ކުރަންޖެހޭނެ އެވެ. ހުރިހާ ކަމަކަށް ވުރެ ވެސް ދަރިވަރުންގެ ޅަފަތުގެ އުފާވެރި ކަމާއި ހިތްހަމަޖެހުން މުހިންމުކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެން ނޫނީ އެއްވެސް ކުއަޖަކަށް ދިރިއުޅުމަށް ތައްޔާރު ކުއްޖަކަށް ނުވެވޭ. މިއީ ހިތަދޫ ސްކޫލްގައި ދިރުވަން އަޅުގަނޑު މަސައްކަތް ކުރި ފިލޯސަފީ. މިއަދު އެ ސްކޫލްގައި ގާއިމް ވެފައި ވާނީ މި ކަލްޗަރު،" އާސިޔަތު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ މޮޅެތި ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލަކަށް ހިތަދޫ ސްކޫލް ހެއްދެވީ މިދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އާސިޔަތުގެ ލީޑަޝިޕްގެ ދަށުންނެވެ. މިއަދު ހިތަދޫ ސްކޫލަކީ ނަތީޖާ ނެރޭ ދަރިވަރުންނަށް އަޅާލުން ބޮޑު ސްކޫލެކެވެ. ހަމަ އެހެންމެ އާސިޔަތަކީ ޕްރިންސިޕަލުންގެ މެދުގައި ނަން މަޝްހޫރު ހިންގުންތެރި ޕްރިންސިޕަލެކެވެ. ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިން އަދި ދަރިވަރުންގެ ލޯބި ހޯދާފައިވާ ބޭފުޅެކެވެ. އާސިޔަތު ދައްކުވައިދިނީ ނަތީޖާ ނެރެވިދާނެ ކަމެވެ.
ހިތަދޫ ސްކޫލްގެ ނަން ޝަރަފުވެރި ލިސްޓުގައި އާސިޔަތު ލިޔެދީފިކަން ޔަގީނެވެ. ސާނަވީގެ ނަތީޖާތަކާއި އޭގެ ފެށުން އެ ކަމަށް ހެކިދެ އެވެ.