ބަޖެޓް 2026: ބައި ލައްކައަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް 17 ބިލިއަން
ބަޖެޓް 2026: ބައި ލައްކައަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް 17 ބިލިއަން

ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 54،000 މުވައްޒަފުންގެ މުސާރައަށް 17.1 ބިލިއަން ދޭން ބަޖެޓުގައި ހިމަނައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރަ ދޭން ހޭދަވާވަރު ވަނީ މިއަހަރު ބަޖެޓްކުރި ވަރަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މި އަހަރު މުވައްޒަފުންގެ މުސާރައަށް 14.7 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 46،000 އެވެ. އަދި އަންނަ އަހަރު ސަރުކާރުގެ މުވައްޒަފުންގެ އަދަދަށް އިތުރު 7،000 އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މުވައްޒަފުންގެ އަދަދު އިތުރުވާ އިރު ސަރުކާރުން ވަނީ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕޭ ހާމަނައިޒްކުރުމަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އަދި ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ.

މުސާރައަށް 2023 ވަނަ އަހަރު ހޭދަކޮށްފައިވަނީ 13.5 ބިލިއަން ރުފިޔާ އެވެ. މުވައްޒަފުންނަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދާއިރު އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރެވެ. އަންނަ އަހަރު ސުކޫކާއި ބޮންޑަށް އެއްފަހަރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.