ޖެނެރޭޝަނަލް ބޭން އަކީ ދެން އޮތް ޖީލެއްގެ ދުޅަހެޔޮ ކަމަށް ކުރި ވަރުގަދަ އިންވެސްޓްމަންޓެއް: ފަސްޓް ލޭޑީ
ޖެނެރޭޝަނަލް ބޭން އަކީ ދެން އޮތް ޖީލެއްގެ ދުޅަހެޔޮ ކަމަށް ކުރި ވަރުގަދަ އިންވެސްޓްމަންޓެއް: ފަސްޓް ލޭޑީ

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަކީ ދެން އޮތް ޖީލުތަކެއްގެ ދުޅަހެޔޮ ކަމަށް ސަރުކާރުން ކޮށްފައިވާ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލަށް މިއަދު އަމަލުކުރަން ފެށުމާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާވާނެ އެވެ.

އެކަން ތަންފީޒުކުރަން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ރާއްޖެ ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި ސިއްހީ ކަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ސާޖިދާ ވަނީ ސަރުކާރުން ދުންފަތުގެ ޖެނަރޭޝަން ބޭންއެއް ލޯންޗުކުރުމުން އެކަމަށް ތައުރީފް ކުރައްވައިފަ އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި މިކަމަކީ އޮތް ޖީލުތަކުގެ ދުޅަހެޔޮ ކަމަށް ކުރެވުނު ވަރުގަދަ އިންވެސްޓްމަންޓެކެވެ. އަދި ދުންފަތަށް ދެވިހިފައިވާ މުޖުތަމައަކުން ސަލާމަތްކޮށް، ބަލިތަކުން ރައްކާތެރިވުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެކަން ސިފަ ކުރައްވައި ސާޖިދާ ވިދާޅުވީ އެކަމުގެ ސަބަބުން ޒުވާނުން ދުޅަހެޔޮވެ، އެމީހުންނަށް ހަރުދަނާ މުސްތަގުބަލެއް ކަށަވަރުވާނެ ކަމަށެވެ.

"މިއީ ދިވެހިރާއްޖެއަށް ފަހުރުވެރި ވަގުތެއް،" ސާޖިދާ ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.

ނަމަވެސް، މީގެ ހަ މަސް ދުވަސް ކުރިން ތަސްދީގުކުރި ޖެނެރޭޝަނަލް ބޭންގެ އިސްލާހުގައިވާ ގޮތުން 2007 ގައި އުފަންވެފައިވާ ކުއްޖެއްގެ އުމުރުން 21 އަހަރު ފުރުނަސް ދުންފަތުގެ އެއްވެސް ބާވަތެއް އެ ކުއްޖާ އަށް ވިއްކުމަކީ މަނާކަމެކެވެ.

މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާ ގޮތުން ވެސް ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުން ކުރާ ކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކަ އެވެ.

ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ.

ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެ ނަމަ ބަލިތަކަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.