01 ނޮވެމްބަރ 2025 - 12:00

މިއަދު ތިން ކަމެއް ތަންފީޒުކުރަން ފެށުމާ އެކު އެކަންކަމަށް އެއްބާރުލުން ދިން ފަރާތްތަކާއި އެ ކަންކަމުގެ މަންފާވާނެ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފަށާފައި ވަނީ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ "ޖެނެރޭޝަނަލް ބޭން" އާއި ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަ ދިނުމާއި ކައުންސިލުތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރައަށް ހެޔޮ ބަދަލު ގެނައުމެވެ.
ރައީސް ވަނީ އެ ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކާއި އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ކަންކަމުގެ ސަބަބުން ފައިދާކުރާނެ ފަރާތްތަކަށް މަރުހަބާ ދެންނެވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން" އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް މަނާވާނެ އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރުން ދެން ތަންފީޒުކުރި ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމާ އެކު 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް އާއި ޑިއުކޭޝަނަލް ސާވިސް އާއި ހެލްތު ސާވިސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް އަދި ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް އާއި ޕްރޮޓެކްޓިވް ސާވިސް އާއި ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސްގެ އިތުރުން ސްކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް އެވެ.
ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެ ދާއިރާތަކުގައި ހިމެނޭ މުވައްޒަފުންނަށް މި މަހުގެ މުސާރަ ލިބެނީ އެ ބަދަލުގެ ދަށުންނެވެ.
އޭގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަމަށް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދީ މިއަދުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށައިފަ އެވެ.
"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވައިދު" އަށް ގެނައި ތިން ވަނަ އިސްލާހުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ހިފުމާއި ބޭނުމާއި ނެގުން އަދި މެރުން މަނާ ބާވަތްތަކަށް ބަދަލު ގެނެސްފަ އެވެ.
އެންމެ ފަހުން ގެނައި ބަދަލުގައި ބުނީ ކަށިމިޔަރުގެ ބާވަތްތައް ފިޔަވައި މިޔަރުގެ އެހެން ބާވަތްތައް ހިފުން މަނާވާނެ ކަމަށެވެ. އެއާ އެކު، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު އަދި ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭނެއް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
އެ ޕްލޭނުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަމާއި އޭގެ ވިޔަފާރީގައި ހަރަކާތްތެރިވެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށް ފަހުގަ އެވެ. އަދި އެ ލައިސަންސް އެންމެ ގިނަ ވެގެން ދޫކުރެވޭނީ 40 އުޅަނދަށެވެ. އެ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަން ނޯޓުކޮށް ދަފްތަރު ކުރާނެ ކަމަށެވެ. އަދި ލައިސަންސް ދިނުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް ހުށަހަޅާ ތަރުތީބުންނެވެ.
ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރިއަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ. އަލުން ކަށިމިޔަރު މަސްވެރިކަމަށް ހުއްދަ ދީފައި މިވަނީ އެކަން ނުކުރުމަށް ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ގޮވާލާފައިވަނިކޮށެވެ.