ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑޮނީޝިއާގައި މީހަކު ގެއްލިގެން ހޯދަނިކޮށް ބޮޑު ހަރުފައެއްގެ ބަނޑު ތެރޭގައި މަރުވެފައި އޮއްވާ މިދިއަ ހޯމަދުވަހު ފެނިއްޖެ އެވެ.

ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު މީހަކު ހަރުފައެއްގެ ބަނޑު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

އުމުރުން 25 އަހަރުގެ އަކުބަރު ގެއްލިގެން ހޯދަން ފެށީ މިދިއަ އާދިއްތަދުވަހު ޕާމް އޮއިލް ދަނޑަށް ދިޔަ ފަހުން ޚަބަރެއް ނުވެގެންނެވެ. އޭނާގެ އާއިލާ އިން ދަނޑު ހައްދާ ސަރަހައްދު ބަލަމުން ދަނިކޮށް، ހަރުފަ އާއިލާގެ ބޮޑު ޕައިތަން ފެނުމާ އެކު ޝައްކުތަކެއް އުފެދުނު ކަމަށް ފުލުހުން ބުނެ އެވެ.

ދިގު މިނުގައި 23 ފޫޓު ހުރި ހަރުފަ ފަޅާލައި ބެލިއިރު އަކުބަރުގެ ހަށިގަނޑު އެތެރޭގައި އޮތެވެ.

މި ވައްތަރުގެ ޕައިތަން އަކީ ދުނިޔޭގެ އެންމެ ދިގު އެއް ޖަނަވާރެވެ. މި ވައްތަރުގެ ހަރުފަ އެއްޗެއް ދިރުވާލުމުގެ ކުރިން ނޭވާ ހާސްކޮށް ފުރަތަމަ މަރާލަނީ އެވެ. އެކަމަކު އިންސާނުން މަރާލައިގެން ކެއުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. ބައެއް ފަހަރަށް ކުޑަކުދިން ނުވަތަ ތަންކޮޅެއް ބޮޑެތި ޖަނަވާރު، އޭގެ ޝިކާރައަކަށް ވީކަމުގެ ރިޕޯޓްތައް ލިބިފައިވެ އެވެ.

އަކުބަރުގެ މަރުގެ ހާދިސާ ހިނގި ސުލަވެސީ ޕްރޮވިންސްގެ ފުލުހުންގެ ތަރުޖަމާން މަޝޫރާ ބުނީ އޭނާ ގެއްލުނުކަމަށް ރިޕޯޓްކުރީ ނުފެންނަތާ 24 ގަޑިއިރު ވީ ފަހުން ކަމަށެވެ. ފުލުހުންނާއި އާންމުން މަސައްކަތް ފެށީ އޭގެ ފަހުންނެވެ. އަކުބަރުގެ އާއިލާގެ ދަނޑުބިން ކައިރިން ހަރުފަ ފެނުމާ އެކު އެއަށް ސަމާލުކަން ދިނެވެ.

"އާއިލާގެ މީހުންނަކަށް އޭނާއެއް ނުފެނުނު. ހަރަކާތެއް ނެތި އޮތް ބޮޑު ހަރުފަ ފުރަތަމަ ފެނުނީ ވިލެޖުގެ ބައެއް މީހުންނަށް،" ތަރުޖަމާން ބުންޏެވެ.

އަވަށުގެ އިސް ވެރިޔަކު ބުނީ އަކުބަރު ގެއްލުނު ދުވަހުގެ ރޭ އެ ހިސާބުގަނޑުން ރޯ އަޑު ބައެއް މީހުންނަށް އިވުނު ކަމަށެވެ.

"އަވަށު މީހުން ހަރުފައިގެ ބަނޑު ފަޅާލިއިރު އަކުބަރު އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.