15 ޖޫން 2016 - 13:38

ގދ. ތިނަދޫ މަގުތަކުގައި ނުވަ ކިލޯމީޓަރުގެ ތާރު އެޅުމުގެ މަޝްރޫއުގެ ދެބައި ކުޅަ އެއްބައި ނިމުނު އިރު ރަށް ފެންނަނީ ވަރަށް ހިތްގައިމުކޮށް ކަމަށް ރަށު ކައުންސިލާއި އެރަށު މީހުން މިއަދު ބުނެފި އެވެ.

ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަސްއަދު ވިދާޅުވި ގޮތުގައި ބައެއް މަގުތަކުގައި ތާރު އަޅާ މިހާރު ވަނީ ނިމިފަ އެވެ. އެހެން މަގުތަކުގައި މިހާރު ކުރަމުން އަންނަނީ ކާނު އެޅުމާއި ހޮޅި ލުމުގެ މަސައްކަތް ކަމަށާއި މުޅި މަޝްރޫއު އޮގަސްޓް މަހު ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ 13 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ރޯދައިގެ ކުރިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ދިޔަ ކަމަށެވެ. އެކަމަކު ރޯދަ މަހު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. މަސައްކަތް ފެށިތާ ނުވަ މަހެއްހާ ދުވަސް ވެއްޖެ އެވެ.
އަސްއަދު ވިދާޅުވީ ހަތަރު މަގެއްގައި ތާރު އަޅައި އެއްކޮށް ނިމިފައިވާ ކަމަށެވެ.
ރަނގަޅު ފެންވަރެއްގައި މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ދިޔަސް ކައުންސިލްގެ ބައެއް ޝަކުވާތައް އެބަ ހުއްޓެވެ. އެގޮތުން އަސްއަދު ވިދާޅުވީ ތިނަދޫ ރައްޔިތުންގެ ހިޔާލު ހޯދާފައި ނެތުމަކީ އެއް ޝަކުވާ ކަމަށެވެ.
އޭގެ އިތުރުން ލ. އަތޮޅު ބޮޑު މަގުގައި އަޅާ ތާރަަށް ވުރެ ތިނަދޫގައި ބޭނުންކުރާ ތާރުގެ ފެންވަރު ދަށްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްއަދު ވިދާޅުވި ގޮތުގައި ޕާކްކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ޝަކުވާއާ އެކު އެކަން މިހާރު އަންނަނީ ހައްލުކުރަމުންނެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ރައްޔިތުންނަށް މަންފާ ކުރުވަނިވި ގޮތަކަށް ކަންކަން ކުރިއަށް ގެންދެވޭތޯ. ބައެއް ކަންކަން ބަދަލު ވެސް ކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ތިނަދޫގައި ތާރު އެޅުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއު އާއި 120 ފްލެޓްގެ އަމަލީ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ. ތިނަދޫގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ކުރިން އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.