ޓީވީއެމްގެ "އެންމެ އަލި ގަދަ ތަރި" އަށް މި އަހަރު ބައި މިލިއަން
ޓީވީއެމްގެ "އެންމެ އަލި ގަދަ ތަރި" އަށް މި އަހަރު ބައި މިލިއަން

ރޯދަ މަހު ޓީވީއެމުން ބާއްވަމުން އަންނަ ބޮޑެތި މީހުންގެ ޤުރުއާން މުބާރާތް "އެންމެ އަލި ގަދަ ތަރި" އަށް މި އަހަރު ހޮވޭ މީހަކަށް ބައި މިލިއަން ރުފިޔާ ދޭ ގޮތަށް ނިންމައި، މުބާރާތުގެ މައި ސްޕޮންސަރާ އެކު ރޭ ސޮއިކޮށްފި އެވެ.

ޓީވީއެމްގެ "އެންމެ އަލި ގަދަ ތަރި" އަށް މި އަހަރު ބައި މިލިއަން
ޓީވީއެމްގެ "އެންމެ އަލި ގަދަ ތަރި" އަށް މި އަހަރު ބައި މިލިއަން

މި އަހަރުގެ މުބާރާތް ސްޕޮންސަކޮށްފައި ވަނީ އެލައިޑް އިންޝުރަންސުންނެވެ. އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން މުބާރާތް ސްޕޮންސަކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާއަށެވެ.

ސްޕޮންސަޝިޕް އެއްބަސްވުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ .ފަރާތުން ސޮއި ކުރެއްވީ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ. އެލައިޑްގެ ފަރާތުން ސޮއި ކުރެއްވީ މެނެޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.

ޕީއެސްއެމުން ބުނީ "އެންމެ އަލި ގަދަ ތަރި" އަށް ހޮވޭ މީހަކަށް ބައި މިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، ގަދަ ތިނަކަށް ހޮވޭ ތިން ބައިވެރިންނަށް ބޮޑެތި އިނާމްތަކެއް ލިބޭނެ ކަމަށެވެ.

އޭގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީން ދޭ ސްކޮލަޝިޕް ހިމެނެ އެވެ. މީގެ އިތުރުން ގަދަ ތިނަކަށް ހައްޖާއި އުމްރާ ދަތުރު ވެސް މި އަހަރު ލިބޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ. މި އަހަރުގެ މުބާރާތަށް އިސްލާމީ ބައެއް ގައުމުތަކުން ވެސް އިނާމް އިނާމް ހުށަހަޅާ ކަމަށް ޕީއެސްއެމުން ބުންޏެވެ.

މުބާރާތް ކާމިޔާބު ކުރާ ފަރާތަކަށް 100،000ރ. ގެ އިނާމާ އެކު ޕީއެސްއެމުން "އެންމެ އަލި ގަދަ ތަރި" ބާއްވަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ.

މުބާރާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭއިރު، މި އަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮޑިޝަން ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

އޮޑިޝަން މި ފަހަރު ބާއްވަނީ ފުވައްމުލަކާއި، ގދ. ތިނަދު އާއި ހއ. އިހަވަންދޫގެ އިތުރުން މާލޭގަ އެވެ.