ކަޕޫރް އާއިލާއާ އެކު މި މަހު ކެއުމަކަށް
ކަޕޫރް އާއިލާއާ އެކު މި މަހު ކެއުމަކަށް

ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ އާއިލާ ކަމަށްވާ ކަޕޫރް އާއިލާގެ މެމްބަރުންނާ އެކު ގެނެސްދޭނެ ނެޓްފްލިކްސްގެ ރިއަލިޓީ ސީރީޒް "ޑައިނިން ވިތު ދަ ކަޕޫރްސް" އިއްޔެ އިއުލާންކޮށްފި އެވެ.

ނެޓްފްލިކްސް އިން އެ ސީރީޒް އިއުލާންކޮށް ބުނީ މި މަހު 21 ގައި އެ ސީރީޒް ސްޓްރީމްކުރަން ފަށާނެ ކަމަށެވެ. އަދި ކަޕޫރް އާއިލާގެ ބައެއް މެމްބަރުން ފެންނަ، އެ ސީރީޒްގެ ފުރަތަމަ ޕޯސްޓަރު ވެސް ވަނީ އާންމުކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ސީރީޒްގައި ރަންދީރް ކަޕޫރާއި ނީތޫ ކަޕޫރާއި ރިމާ ކަޕޫރް ޖެއިން އާއި ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރާއި ސައިފް އަލީ ޚާން އާއި ރިދިމާ ކަޕޫރް ސަހާނީ އަދި އެ އާއިލާގެ އިތުރު ގިނަ މެމްބަރުން ފެންނާނެ އެވެ.

އެ ސީރީޒްގައި ދައްކާނީ ކަޕޫރް އާއިލާގެ ހުރިހާ މެމްބަރުން މެންދުރުގެ ކެއުމަކަށް އެއްތަންވެ، އެމީހުންގެ މެދުގައި ދެކެވޭ ވާހަކަތަކާއި ހިނގާ ކަންތައްތަކެވެ.

ޑޮކިއުމެންޓްރީ ސްޓައިލަށް ގެނެސްދޭ އެ ސީރީޒްގެ ކޮންސެޕްޓް އުފެއްދީ ރީމާ ކަޕޫރް ޖެއިންގެ ދަރިފުޅު އަރްމާން ޖެއިން އެވެ.

އެ ސީރީޒްގެ ޕޯސްޓަރު އިއްޔެ އާންމުކުރި އިރު، އޭގެން ރަންބީރުގެ އަންހެނުން އަދި ބޮލީވުޑްގެ ތަރި އާލިއާ ބަޓް ނުފެންނާތީ ބައެއް މީހުންގެ ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެ ސީރީޒުން އާއިލާ ފެންނާނެ ކަމެއް އަދި ޔަގީން ނުވެ އެވެ.

ކަޕޫރް އާއިލާއަކީ ބޮލީވުޑްގެ ކުރީގެ ލެޖެންޑް ރާޖް ކަޕޫރުގެ އާއިލާ އެވެ. އަދި ބޮލީވުޑްގެ ފުރަތަމަ ފިލްމީ އާއިލާ އެވެ. ރާޖް ކަޕޫރަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އާއިލާއިން ވަނީ "ރާޖް ކަޕޫރް ފިލްމު ފެސްޓިވަލް"ގެ ނަމުގައި އިންޑިއާގައި ދެ ދުވަހުގެ ފެސްޓިވަލެއް ވެސް މިދިޔަ އަހަރު ބާއްވައިފަ އެވެ.

ރާޖް ކަޕޫރްގެ ބައްޕައަކީ ހިންދީ ސިނަމާގެ ބާނީންގެ ތެރޭގައި ހިމެނޭ ކުރީގެ އެކްޓަރެއް ކަމަށްވާ ޕްރިތުވިރާޖް ކަޕޫރެވެ. އޭރުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޝައްމީ ކަޕޫރާއި ޝަޝީ ކަޕޫރަކީ ވެސް އޭނާގެ އެއްބަނޑުއެއްބަފާ މީހުންނެވެ.