ފޮޓޯގްރަފަރަކަށް ވާން 27 އަހަރުގައި ކުޅުން ހުއްޓާލައިފި
ފޮޓޯގްރަފަރަކަށް ވާން 27 އަހަރުގައި ކުޅުން ހުއްޓާލައިފި

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ގޯލްކީޕަރު އަލްފީ ވައިޓްމަން ފިލްމު ޑައިރެކްޝަނާއި ފޮޓޯގްރަފީގެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާތީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 27 އަހަރުގެ ކީޕަރު ޓޮޓްނަމާއާ ގުޅުނީ އުމުރުން 10 އަހަރުގަ އެވެ. މިދިޔަ ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވި އިރު ވަނީ ކްލަބުގައި 16 އަހަރު ހޭދަކޮށްފަ އެވެ. އެ ކްލަބުން އޭނާގެ އެއްބަސްވުން އާ ނުކުރަން ކަނޑައެޅުމުން އޭނާ ނިންމީ ފުޓްބޯޅައިން ރިޓަޔާ ކުރާށެވެ.

މި މުއްދަތުގައި ސީނިއާ ޓީމަށް ވައިޓްމަން ކުޅުނީ އެންމެ މެޗެއްގަ އެވެ. އެއީ 2020 ވަނަ އަހަރު ކުޅުނު ޔޫރޮޕާ ލީގު މެޗެއްގައި ޖޯ ހާޓްގެ ބަދަލުގައި ފަހު 10 ވަރަކަށް މިނިޓެވެ. މިދިޔަ ސީޒަންގައި އެ ޓީމުން ޔޫރޮޕާ ލީގު ކާމިޔާބު ކުރި އިރު ވައިޓްމަން އަކީ ވެސް ސްކޮޑުގެ ކުޅުންތެރިއެކެވެ. މިއާ އެކު، އޭނާ ކެރިއަރު މި ނިންމައިލީ ޔޫރޮޕާ ލީގު ރަން މެޑައްޔަކާ އެކު އެވެ.

ޓޮޓްނަމްގެ އިތުރުން ވައިޓްމަން ވަނީ ސީނިއާ ކްލަބް ކެރިއަރުގައި ލޯނު އުސޫލުން ސްވިޑެންގެ ކްލަބަކަށް ދެ އަހަރު ކުޅެފަ އެވެ. މީގެ އިތުރުން އިންގްލެންޑްގެ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް އޭނާ ކުޅެފައިވެ އެވެ.

ގޯލްކީޕަރެއްގެ އިތުރުން ވައިޓްމަންއަކީ ލައިވް ޑީޖޭ ޝޯތައް ވެސް ދޭ ފަންނާނެކެވެ. ފިލްމު އުފެއްދުމާއި ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ދާން އޭނާ ވަނީ މިހާރު ޕްރޮޑަކްޝަން ކުންފުންޏަކާ ވެސް ގުޅިފަ އެވެ.