އިސްލާމިކް މިނިސްޓްރީގެ ވަގުފް އިމާރާތްތައް ތަރައްގީ ކުރަން ބީއެމްއެލް އިން އެހީވަނީ
އިސްލާމިކް މިނިސްޓްރީގެ ވަގުފް އިމާރާތްތައް ތަރައްގީ ކުރަން ބީއެމްއެލް އިން އެހީވަނީ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ވަގްފުތައް ތަރައްގީ ކުރުމަށާއި އިސްލާމިކް ފައިނޭންސިން ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ބީއެމްއެލްއާ އެކު ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ދާރުއްސަލާމް އިމާރާތާއި މާލޭގެ ދާރުލް އަރްގަމަށް ބޭނުންވާ މާލީ އެހީތެރިކަން އިސްލާމިކް ފައިނޭންސްގެ އުސޫލުން ހަމަޖައްސައި ދިނުމަށާއި ވަގުފް ފަންޑު އިތުރަށް ފުޅާކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އިން އެހީވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން އިސްލާމީ މާލީ ދާއިރާ އަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި އިސްލާމީ މާލީ ދާއިރާގެ ކުރިއެރުމަށް އެއްބަސްވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާނެ ކަަމަށް ބީއެމްލް އިން ބުންޏެވެ.

އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށާއި ވަގުފް ތަރައްގީ ކުރުމަށް އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސިން އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން އިސްލާމިކް ބޭންކިން އާއި އިސްލާމިކް ސޯޝަލް ފައިނޭންސް ތަރައްގީކޮށް، ހަރުދަނާކުރުމަށް އެ ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ވަގުފްތައް ތަރައްގީ ކުރުމާއި އިސްލާމިކް ފައިނޭންސިން އަށް ހޭލުންތެރިކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ބީއެމްއެލް އިން ސޮއިކުރެއްވީ އެމްޑީ ޝަރީފެވެ.

އިސްލާމިކް ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށާއި އިޖްތިމާއީ ތަރައްގީ ކުރިއެރުވުމަށް ބީއެމްއެލް އިން އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އިސްލާމީ ޔުނިވާސިޓީގެ ސަނާބިލް ސްކޫކްގެ ޖުމްލަ އަދަދަށް ބީއެމްއެލް އިން ސަބްސްކްރައިބް ކުރުން ހިމެނެ އެވެ.