ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނީ މައިގަނޑު ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައި: ޝިޔާމް
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނީ މައިގަނޑު ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައި: ޝިޔާމް

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނީ، މައިގަނޑު ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ބާވަތުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާކަން ސަރުކާރުން މީގެ ކުރިން އިއުލާން ކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، އެ ކަންބޮޑުވުންތައް ހުއްޓަސް، ކަށިމިޔަރުގެ މަސްވެރިކަމަށް މާދަމާއިން ފެށިގެން ހުއްދަ ދޭން ނިންމައި، އޭގެ ގަވައިދު މިއަދު ވަނީ ނެރެފަ އެވެ.

ޝިޔާމް "މިހާރު" އަށް ވިދާޅުވީ ގަވައިދު ހެދުމުގައި އެ ކަންބޮޑުވުންތައް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ލައިސަންސް ނަގައިގެން އެ މަސައްކަތް ކުރުމާއި އަހަރަކު ވަކި ވަރަކަށް އެ ލައިސަންސް ދޫކުރުން އަދި އެ މަސްވެރިކަމަށް ވަކި ޒޯނުތަކަކާއި ދުވަސްވަރެއް ކަނޑައެޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، އެ މަސްވެރިކަމަށް ހުއްދަ ދޭނީ އަހަރަކު 40 އުޅަނދަށެވެ.

އޭގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ވެސް ގަވައިދުގައި ވެ އެވެ.

ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރިއަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ.

މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި އޭގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ އޮގަސްޓް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމާ އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރާ ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.